އޮއްޕޮ އަދިވެސް ހަމަ ތަފާތީ، މިއަދަކީ އޭނާއަށް ހާއްސަ ދުވަހެއް!

ނިއުގެ ޖާޒީގައި 2014 ވަނަ އަހަރު މާޒިޔާއާ ދެކޮޅަށް އޮއްޕޮ(ވ) ކުޅެނީ: އޮއްޕޮ ދަނީ ވޭލްސްގެ ލާންގެވްނީގައި ރަނގަޅު ކުޅުމެއް ދައްކަމުން --- ސަން ފައިލް ފޮޓޯ

އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ ނަމަކީ ދިވެހީންނަށް އާ ނަމަކަށް ނުވާނެއެވެ. ދިވެހީންނަށް އޮއްޕޮއަކީ ރަން ތަރިއެކެވެ. ގަލޮޅު ދަނޑުގައި އޮއްޕޮއަކީ ކުލަގަދަ ލެޖެންޑެކެވެ. އޮއްޕޮ ކުޅޭ ކްލަބަކަށް އޭނާއަކީ ޓީމުގެ މުގުލުގެ ގޮތުގައި ފާހަގަކުރާ ކުޅުންތެރިއެކެވެ.

ރާއްޖޭގެ ގައުމީ ދަނޑުން އޮއްޕޮގެ ނަން ނީވޭތާ ދުވަސްތަކެއް ވެފައިވަނިކޮށް، އޮއްޕޮގެ ވާހަކަތައް ކުއްލިއަކަށް އިވިގެންދިޔައީ ޔޫރަޕްގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ވޭލްސްއިންނެވެ. ވޭލްސްގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުންދާ ލާންގެވްނީ އެފްސީއަށް ބަދަލުވުމުގެ ހަބަރުވެގެންދިޔައީ ގިނަ ދިވެހީންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ. އެކްލަބަށް އޮއްޕޮ ކުޅޭކަމުގެ ހަބަރުތައް ފެތުރުނުއިރު، މިހާރު އޭނާއަށް "ރަން އޮއްޕޮ"ގެ ކުޅުން އެކްލަބުގައި ދައްކާލެވިދާނެ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރިއެވެ.

ލާންގެވްނީއަށް ކުޅުނު އެންމެ ފުރަތަމަ މެޗުގައި ވެސް އެކްލަބަށް އޭނާ ވެގެންދިޔައީ ތަރިއަކަށެވެ. އުމުރުން 36 އަހަރުގައި ވެސް އޮއްޕޮގެ ކުޅުމެއް ކުޑަވެސް ބަދަލެއް ނާދެއެވެ. ލާންގެވްނީއަށް ކުޅުނު ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށް އޭނާ ދައްކަމުންދިޔައީ ރަން ކުޅުމެކެވެ. އެކަން އެކްލަބުން ވެސް ބަލައިގަނެއެވެ. މިހާރު އޮއްޕޮއަކީ އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

މިދިޔަ އަހަރުން ފެށިގެން ވޭލްސްގައި ހޭދަކުރަމުންދާ އޮއްޕޮ، އެންމެ ފަހުން ދިވެހި ކްލަބަކުން ފެނިގެންދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2015 ވަނަ އަހަރުއެވެ. ނިއުގެ އިތުރުން އޮއްޕޮ ކުޅުނު ދިވެހި ކްލަބުތަކަކީ ނިއު ލެގޫންސް، އައިލެންޑް ފުޓްބޯލް ކްލަބު(އައިއެފްސީ)، ވީބީ ސްޕޯޓްސް ކްލަބު، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބެވެ. ލާންގެވްނީއަށް ކުޅުމުގެ ކުރިން އޮއްޕޮ މިދިޔަ އަހަރު ބޮޑޯގަން އެފްސީއަށް ކުޅެފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް 2008ގެ ރަން މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރި އޮއްޕޮއަށް މިއަދަކީ ހާއްސަ ދުވަހެކެވެ. ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަންގެ އެފްއޭ ޓްރޮފީގެ ސެމީ ފައިނަލަށް މިއަދު އޮއްޕޮ ކުޅެމުންދާ ލާންގެވްނީ ނުކުންނާނެއެވެ.

އޮއްޕޮ ކުޅެމުންދާ ލީގެކޭ އެއްގޮތަށް އޭނާ ދަނީ އެފްއޭ ޓްރޮފީގައި ލާންގެވްނީއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޮއްޕޮގެ އެސިސްޓްތަކާއި ނުރައްކާތެރި ހަމަލާތައް ފެންނަމުންދެއެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އޮއްޕޮގެ ދައުރު ފާހަގަކޮށްލެވެއެވެ. މުބާރާތުގެ ސެމީގައި ލާންގެވްނީ މިއަދު ނުކުންނާނީ ޗާކް އޭއޭއޭ އެފްސީއާ ދެކޮޅަށެވެ.

އޮއްޕޮ ކުޅެމުންދާ ލާންގެވްނީ، އެފްއޭ ޓްރޮފީގައި ވާދަކުރަމުންދަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދުމުގެ މަގްސަދުގައެވެ. އެޓީމަށް އަދި އެފްއޭ ޓްރޮފީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ލާންގެވްނީއާ ދެކޮޅަށް ނުކުންނަ ޗާކްއަކީ އެފްއޭ ޓްރޮފީގައި ކާމިޔާބު ޓީމެކެވެ. އެ ޓީމުން ވަނީ ތިންފަހަރަކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އެޓީމަކީ އެ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލަށް ވެސް އާ ޓީމެއް ނޫނެވެ.

ލާންގެވްނީގެ 119 އަހަރުގެ ދިގު ތާރީހުގައި އެކްލަބަށް ބޮޑު ކާމިޔާބެއް ލިބިފައިނުވި ނަމަވެސް، މިއަހަރުގެ އެފްއޭ ޓްރޮފީގައި އެކްލަބުން ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ އެ މުބާރާތުގައި ލާންގެވްނީ ވަނީ މިހާތަނަށް 27 ލަނޑު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް