މެސީ ބާސާގައި މަޑުކުރާނޭކަން ނޭމާއަށް ޔަގީން

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއަތުން 6-1 ލަނޑުން (6-5 އެގްރިގޭޓް) އިން ބާސާ މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އަދި ނޭމާ އުފާފާޅުކުރަނީ. މެސީ ބާސާގައި މަޑުކުރާނޭ ކަމަށް ނޭމާ ބުނޭ -- ފޮޓޯ: ގޯލް

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ސްޕެއިންގެ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް، އެ ކްލަބުގެ ބްރެޒިލް ތަރި ނޭމާ ބުނެފިއެވެ.

ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން، 2018 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އެހެން ނަމަވެސް އެއްބަސްވުން އާކުރުމާ ގުޅޭގޮތުން މެސީއާ ބާސާއާ ދެމެދު ދެކެވޭ ވާހަކަތައް މަޑު ދުވެއްޔެއްގައި ދާތީ، ދެފަރާތުން އެދޭގޮތަށް އެއްބަސްވުމަކަށް އައުމުގައި ދަތިތަކެއް އުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ޕީއެސްޖީ އަތުން، ހައިރާންކުރުވަނިވިގޮތަކަށް ބާސާ މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން އެ ޓީމު ޖާގަ ހޯދި މެޗަށް ފަހު ނޭމާ ބުނީ، މެސީ ބާސާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ލިއޯ އެއްބަސްވުން އާކުރާނެ،" ބީއައިއެން ސްޕޯޓްސްއަށް ނޭމާ ބުންޏެވެ.

"އެއީ ހަމަ ޔަގީންކަމެއް."

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއަތުން 6-1 ލަނޑުން (6-5 އެގްރިގޭޓް) އިން ބާސާ މޮޅުވި މެޗުގެ ހީރޯއަކީ ނޭމާއެވެ.

އެ މެޗުގައި ނޭމާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ފުރަތަމަ ހާފްގައި މެސީ ޖެހި ޕެނަލްޓީ ހޯދައިދިނުމުގެ އިތުރުން، މެޗުގެ އިތުރު ވަގުތުގައި (95 ވަނަ މިނިޓްގައި) ސަރޖީ ރޮބާޓޯ ބާސާއަށް އެ މެޗު ކާމިޔާބުކޮށްދިން ލަނޑު ޖެހުމުގައި އެހީތެރިވެދީފައެވެ.

comment ކޮމެންޓް