ޕީއެސްޖީ އަތުން ހައިރާންކުރަނިވި މޮޅެއް ހޯދައި، ބާސާ ކުއާޓާއަށް

ކުއާޓާއަށް ބާސާ ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ސާޖި ރޮބާޓޯ އުފާފާޅުކުރަނީ: ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޕީއެސްޖީ އަތުން ބާސާ މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ

ޗެމްޕިއަން ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަތުން ހައިރާންކުރަނިވި މޮޅެއް ހޯދައި، ސްޕެއިން ޗެމްޕިއަން ބާސެލޯނާއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗަށް ބާސާ ނުކުތްއިރު، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ބާސާ ވަނީ ޕީއެސްޖީ އަތުން 4-0 ލަނޑުގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 6-1 ލަނޑުން ކާމިޔާބުކޮށް، ކުއާޓާގެ ޖާގައެއް ބާސާއިން ހޯދީ 5-6 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޕީއެސްޖީގެ ކަވާނީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ތިން ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ބާސާއަށް އެލަނޑު އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބާސާއަށް ލީޑު ފުޅާވެގެންދިޔައީ ލޭވިން ކުރްޒާވާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މޮޅު ކުޅުމަކާ އެކު ބާސާއިން ފުރަތަމަ ހާފު ނިންމާލީ 2-0 ލަނޑުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ބާސާއިން ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ނޭމާއަށް ތޯމަސް މުނިއޭ ކުރި ފައުލާ ގުޅިގެން ބާސާއަށް ލިބުނު ޕެނަލްޓީން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީން އަވޭ ގޯލެއްގެ ފައިދާ ނަގައި، ބާސާއަށް އުނދަގުލަކާ ކުރިމަތިކުރިވި އެވެ. ކުރްޒާވާ ދިން ބޯޅައަކުން ޕީއެސްޖީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބާސާގެ ހަތަރުވަނަ ލަނޑު، ބްރެޒިލް ތަރި ނޭމާ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ފަހު ދެލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރޭގަ އެވެ. ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސުއަރޭޒަށް މާކިއުނިއޯސް ކުރި ފައުލާ ގުޅިގެން އެޓީމުގެ ހަތަރު ވަނަ ލަނޑު ނޭމާ ކާމިޔާބުކޮށްދިން އިރު، އެޓީމަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސާޖި ރޮބާޓޯ އެވެ.

ރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ޕޯޗުގަލްގެ ބެންފީކާ ބަލިކޮށް، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. އެ މެޗު 4-0 ލަނޑުން ކާމިޔާބުކޮށް، ކުއާޓާގެ ޖާގައެއް ޑޯޓްމަންޑުން ހޯދީ 4-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި ޑޯޓްމަންޑްގެ ޕިއެރޭ އެމެރިކް އޮބަމަޔާން ހެޓްރިކެއް ފުރިހަމަކުރި އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

comment ކޮމެންޓް