މަދީނާގައި އިސްލާމީ ދައުލަތެއް އުފެއްދެވުން

އަލް މަސްޖިދުއްނަބަވީ ---

އިސްލާމީ ދަޢުވަތު ފެއްޓެވުން

އިސްލާމްދީނުގެނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ރިސާލަތުގެ ދަޢުވަތާއިގެން ތެދުވެވަޑައިގެންނެވީ،މީލާދީން610 ވަނައަހަރުއެވެ. އެ ދަޢުވަތަކީ ޤަބީލާތަކެއްގެ އަރާރުމާއި ވާދަވެރިކަމާއި ތަކައްބުރު ނައްތައިލައްވައި، އެއްބަނޑު އެއްބަފައިކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ ދަޢުވަތެކެވެ. ބައިބައިވެފައިތިބި ހަރުކަށި ބަޔަކު އެއްބައިވަންތަކުރައްވައި، ޤާނޫނުތަކަށް ބޯލަންބުވައި، ދުސްތޫރީ އަދި ޖުމްހޫރީ ނިޒާމެއް ޤާއިމްކުރެއްވުމުގެ ދަޢުވަތެކެވެ. ނިދައިފައިއޮތް ޢިލްމީ ފިކުރުތައް ހޭލައްވައި، ޙަރަކާތްތެރި ކުރެއްވުމުގެ ދަޢުވަތެކެވެ. ޖާހިލުކަމުގެ އަނދިރީގެ ތެރެއިން ޢިލްމާއި މަޢުރިފާގެ އަލިކަމުގެ ތެރެއަށް އިންސާނިއްޔަތު ނެރުއްވުމުގެ ދަޢުވަތެކެވެ. ނިވިފައިހުރި އަޚްލާޤީ އަގުތަކުގެ ދަންމަރުތައް އަލުން ދިއްލައިލެއްވުމުގެ ދަޢުވަތެކެވެ. އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ފައިދަށުލެވި އަޅުވެތިކުރެވިފައިތިބި ފަންތިތަކަކަށް މިނިވަންކަމާއި ހަމަހަމަކަމުގެ ސުވަރުގެއެއް ހޯއްދަވައިދެއްވުމުގެ ދަޢުވަތެކެވެ. ޝިރުކު ނައްތައިލައްވައި އެއްކައުވަންތަކަން ޤާއިމުކުރެއްވުމުގެ ދަޢުވަތެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ މިދެންނެވި ދަޢުވަތާއިގެން ކުރިޔަށް ވަޑައިގަތުމުގައި އިޚްތިޔާރުކުރެއްވީ ދަލީލުތަކުގެ ޒަރީޢާއިން އިންސާނީ ހިތްތައް ފަތަޙަކުރެއްވުމުގެ މަގެވެ. ހެޔޮނަސޭޙަތްޕުޅާއި، ވަޢުޡާއި އިރްޝާދު ދެއްވުމުގެ މަގެވެ. ބޭނުންފުޅުވާ ނަތީޖާ ފެނިވަޑައިގަތުން ލަސްވަމުންދިޔައިރުވެސް، ކެތްތެރިވެވަޑައިގަތުމުގެ މަގެވެ.

ނަމަވެސް، އެދުވަސްވަރު މައްކާގެ ވެރިކަމުގައި ތިބި ކިބުރުވެރި ބޮޑުން އެ ދަޢުވަތު މާނަކުރީ، އެބައިމީހުންނާއި އެބައިމީހުންގެ ވަންހަތަކުގެ ވެރިކަމަށް ކުރެވުނު ތަޙައްދީއެއް ކަމުގައެވެ. އެހެންކަމުން، މައްކާގެ ޖާހިލިއްޔަތުގެ ބޮޑުން ސާހިބުން އިތުރުސާހިބާގެ ހެޔޮކަމުގެ ދަޢުވަތާ ކުރިމަތިލީ، އިންތިހާދަރަޖައިގެ ދެކޮޅުވެރިކަމާ އެކުގައެވެ. ހައްދެއްނެތްފަދަ އަނިޔާވެރިކަމާއި ގަދަބަދަވިކަމާއެކުގައެވެ. އިތުރު ސާހިބާއަށާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީންނަށް އިންސާނީ ހަމްދަރުދީގެ ލަގޮނޑި ފަޅައިގެންދާވަރުގެ އިހާނެތި އަނިޔާތައް ކުރިމަތިކުރުވިއެވެ. ނަމަވެސް، ނަބަވީ ގޮތްކޮޅަކަށް ހެއްދެވީ އަނިޔާވެރީންނަށް މާފުކުރައްވައި އެބައިމީހުންނަށް ހެޔޮދުޢާ ކުރައްވަމުން ދީނީ ދަޢުވަތުގެ ސިލްސިލާ ކުރިޔަށް ގެންދެވުމެވެ.

އިތުރު ސާހިބާ އެކަލޭގެފާނުގެ ޞުލްޙަވެރި ދަޢުވަތުގެ މަސައްކަތްޕުޅުގައި ދެމިހުންނެވީ ފަރުބަދައެއްފަދަ ސާބިތުކަމާއެކުގައެވެ. އެގޮތުގައިދެމިހުންނަވައި ކުރައްވަމުން ގެންދެވި އިޚްލާޞްތެރި މަސައްކަތްޕުޅުގެ ހެޔޮނަތީޖާ މަޑުމަޑުން ފެންނާން ފެށިއެވެ. އެކަލޭގެފާނުގެ ފިކުރީ އިންޤިލާބުގެ ދަޢުވަތަށް ފާޅުގައި ތާއީދުނުކުރިޔަސް، އެ އިންޤިލާބާމެދު އެތައްބަޔެއްގެ ހިތްމަޑުވިއެވެ. އެ އިންޤިލާބަށް ހަމްދަރުދީވާ އެތައްބަޔަކު އުފެދުނެވެ. އިތުރުސާހިބާގެ މަތިވެރިކަމާއި ތެދުވެރިކަމަށް ހިތުގެ ފުންމިނުން އިޢުތިރާފުވާ މީހުން ގިނަވާން ފެށިއެވެ.

މައްކާގެ މުޝްރިކުންގެ ޒަޢީމުންނަށް މި ޙަޤީޤަތް އޮޅުންފިލިވަރަކަށް، އެބައިމީހުންގެ ރުޅިގަދަވިއެވެ. އަނިޔާވެރިކަން އިތުރުވިއެވެ. އެހެންކަމުން، މައްކާގެ ބޭރުން އިސްލާމްދީނަށް ނަޞްރުދޭނެ އަންޞާރުންނާއި މަދަދުގާރުން ހޯއްދަވަން އިތުރު ސާހިބާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު އިތުރުކުރެއްވިއެވެ.

މަދީނާގައި އިސްލާމްދީން ފެތުރުން

ނިޔާފުޅުގައި ކަނޑައެޅިފައިވާ ވަގުތު އައުމާއެކު، މަދީނާގެ އައުސުވަންހައާއި ޚަޒުރަޖުވަންހަޔަށް ނިސްބަތްވާ ހަތްބޭކަލަކާ އިތުރު ސާހިބާއާ ބައްދަލުވެވަޑައިގެންނެވިއްޖެއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އެބޭކަލުންނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އެބޭކަލުން ހިތްޕުޅުގެ އަޑީން އިސްލާމްދީން ޤަބޫލުކުރެއްވިއެވެ. މަދީނާގައި އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގެ ޒިންމާއާ ޙަވާލުވެވަޑައިގެންނެވިއެވެ. ވިދިގެން އައިއަހަރު މަދީނާގެ ބާރަބޭކަލަކު މައްކާއަށް ވަޑައިގެން، އިތުރު ސާހިބާގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވިއެވެ.

ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުމުގައި މަދީނާގެ އަންޞާރުންގެ ހަތްދިހައަށްވުރެ ގިނަބޭކަލުންނާއި ބޭކަނބަލުން މައްކާއަށް ވަޑައިގެން ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަތްޕުޅުމައްޗަށް ބައިއަތު ހިއްޕެވިއެވެ. އަދި ކީއްތޯއެވެ. އިތުރު ސާހިބާއަށް އެބޭކަލުންގެ ޙިމާޔަތުގެ ޔަޤީންކަން އަރުއްވައި މަދީނާއަށް ވަޑައިގަތުމުގެ ދަޢުވަތު އެރުއްވިއެވެ. މިއީ އިސްލާމްދީނާއި މުސްލިމުންނަށް ހިޔާވަހިކަމުގެ މަރުކަޒެއް ލިބުމުގެ ފެށުމެވެ. މުސްލިމުންގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ އާރާއިބާރުގެ މަރްކަޒަކަށް މަދީނާ ހަމަޖެހިގެންދިޔުމުގެ މުޤައްދިމާއެވެ.

ޙައްޤުގެ ދަޢުވަތު ފެތުރުއްވުމަށްޓަކައި މަދީނާގައި އެކަށޭނަ ވެއްޓެއް ޤާއިމުވުމާއެކު، މައްކާގައި އަނިޔާ ލިބިވަޑައިގަންނަވަމުންދިޔަ ސަޙާބީންނަށް މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ ދެއްވިއެވެ. މަދީނާގެ އަންޞާރުން މުހާޖިރުންނަށް ވިދާޅުވަމުން ގެންދެވީ، ތާރީޚު އަންތަރީސްވި މަރްޙަބާއެކެވެ. އަންޞާރުން މުހާޖިރުންނަށް އަދާކުރެއްވި މެހްމާނުދާރީއަކީ ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާފަދަ ދީލަތި މެހްމާންދާރީއެކެވެ. މުސްލިމުން ތަބާވާންޖެހޭ ނަމޫނާ މެހްމާންދާރީއެކެވެ.

މަދީނާގެ މަސްރަޙު އިސްލާމީ ފަތިހަކަށް ފުރިހަމަޔަށް ތައްޔާރުވުމުން، އަރަހުށި މާތް اللّـه އެކަލާނގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ ދެއްވިއެވެ.

މަދީނާއަށް ހިޖްރަކުރެއްވުން

رسول اللّـه صلّى اللّـه عليه وسلّم މައްކާއިން ނިކުމެވަޑައިގެންނެވި ޚަބަރު، މަދީނާގެ އަންޞާރުންނަށް ލިބިވަޑައިގަތުމާއެކު ހީވީ މަދީނާއަށް އުފާވެރިކަމުގެ އީދެއް އައިހެންނެވެ. މަދީނާގެ އަންޞާރުން ކޮންމެ ދުވަހަކު ފައިއިނދޭ ފުރައިން ރަށްބޭރަށް ނިކުމެވަޑައިގެން އެބޭކަލުންގެ ލޮބުވެތި ސާހިބާގެ ނޫރާނީ މޫނުފުޅު ދެކެވަޑައިގެންނެވުމުގެ އިންތިޒާރުގައި ތިއްބަވައެވެ. ކޮންމެ ދުވަހަކުވެސް އަވިގަދަވެ ކެތްނުކުރެއްވޭވަރު ވަންދެން އަންޞާރުން އެގޮތުގައި ތިއްބަވައެވެ.

رسول اللّـه صلّى اللّـه عليه وسلّم މަދީނާގެ ރަށްބޭރުގެ އަވަށެއްކަމުގައިވާ ޤުބާއަށްވަޑައިގެން އެއަވަށުގައި މަޑުކޮށްލެއްވިއެވެ. އެކަލޭގެފާނު މަދީނާއަށް އަރައިވަޑައިގެންނެވި ދުވަހަކީ މަދީނާގެ ތާރީޚު ދުވަހަކުވެސް ދުށް އެންމެ އުފާވެރި، އެންމެ ރަންކުލަގަދައަކުރުން ފަވައިލެވޭ ދުވަހެވެ. އިތުރު ސާހިބާއަށް މަރުޙަބާ ވިދާޅުވާން ޤުބާއިން ފެށިގެން މަދީނާއާ ހަމަޔަށް އަންޞާރިއްޔަ ބޭކަލުން ސަފުހައްދަވައިގެން ތިއްބެވިއެވެ. ކޮންމެ ވަންހައެއްގެ ގެތަކަކާ ހަމަޔަށް ވަޑައިގެންނެވޭއިރަށް، އެވަންހައެއްގެ ބޮޑުން ކުރިޔަށް ނުކުމެވަޑައިގެން ވިދާޅުވެއެވެ. މިގެއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ގެއަށް ފައިބައިވަޑައިގަންނަވާށެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ހިނިވަރުނަކުރައްވަމުން އެބޭކަލުންނަށް ހެޔޮދުޢާ ކުރައްވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ ކާފާކަލުންގެ މައިފުށުގެ ޢާއިލާ ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަލުން ޚާއްޞަ ލޯބިފުޅަކާއި ޝައުޤުވެރިކަމަކާއެކު ސުވާސްތިވިދާޅުވަމުން ގެންދެވިއެވެ. އަންހެނުންނާއި ތުއްތު ކުދީން ގޭގޭގެ ފުރާޅުމަތީން ތަހްނިޔާގެ ލަވަތައް ވިރުވައި އަޅަމުން ގެންދިޔައެވެ. މުޅި މަދީނާގެ ޖައްވު ގުގުމަމުންދިޔައީ، އަންނަނިވި ތަރާނާގެ އަޑުންނެވެ.

(طلع البدر علينا من ثنيـات الوداع، وحب الشكر علينا مادعى للّـه داع

أيها المبعوث فينا جئت بالأمر المطاع جئت شرفت المدينة مرحبأ ياخير داع)

ޚާއްޞަކޮށް ނައްޖާރުވަންހައިގެ ތުއްތު އަންހެންކުދީން ދަފުޖަހައިފައި އަންނަނިވި ލަވަކިޔަމުން ގެންދިޔައެވެ.

نحن جوار من بنى نجّار ياحبّذا محمّدا من جار

ތުއްތުކުދީންދެކެ ނުހަނު ލޯބިފުޅުވާ ނަބިއްޔާ އެކުދީންގެ ތާހިރު ޖަޒުބާތަށް ލޯބިފުޅާއެކު މަރްޙަބާ ވިދާޅުވިއެވެ. އެކުދީންނާ ބަސްފުޅު ވިދާޅުވެ، އެމާތް ސާހިބާ އެކުދީންދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ފައިބައިވަޑައިގެންނެވީ،أبو أيّوب الأنصارى رضى اللّـه عنه ގެ ގެކޮޅަށެވެ. އަމިއްލަފުޅު ވަޒަނެއްކަމުގައި ހެއްދެވީ މަސްޖިދުއްނަބަވީއާ އިންވެގެން ހެއްދެވި ސާދާ ކޮޓަރިކޮޅުތަކެވެ.

މަސްޖިދުއްނަބަވީ ބިނާކުރެއްވުން

މަދީނާއަށް ފައިންޕުޅު ބީއްސެވުމަށްފަހު ކައުސާހިބާ صلّى اللّـه عليه وسلّم ސަމާލުކަންދެއްވީ އެމާތް ސާހިބާގެ ބިނާކުރެއްވުމުގެ މަސައްކަތްޕުޅަށެވެ. މިގޮތުން އެންމެ ފުރަތަމަ އެމާތް ސާހިބާގެ މިސްކިތްކޮޅުގެ ބިންގާ އަޅުއްވައި އިސްލާމީ މުޖްތަމަޢެއް ބިނާކުރުމުގައި ތަރުތީބުކުރަންޖެހޭ ގޮތުގެ ނަމޫނާ ދެއްކެވިއެވެ. އެ މިސްކިތްކޮޅަކީ ހަމައެކަނި އަޅުކަންކުރުމުގެ މަޙައްލެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އިސްލާމްދީނުގެ ތަމައްދުނީ ނިޒާމުގެ މަރްކަޒެވެ. ދާރުއްރިޔާސާއެވެ. މަޝްވަރާ ކުރެއްވުމުގެ ދަރުބާރެވެ. ސަރުކާރުގެ މެހްމާނު ސަރާއެވެ. ޖުމްހޫރީ ދާރުލްޢުލޫމެވެ. ޤައުމީ ލެކްޗަރ ހޯލެވެ. އެންމެ ޢަދްލުވެރި ޝަރީޢަތްތައް ކުރެވުނު ފަނޑިޔާރުގެވެސްމެއެވެ.

އެމިސްކިތްކޮޅާއެކު އެމާތް ސާހިބާ ދިރިއުޅުއްވުމަށްޓަކައި ކަދުރުރުކުގެ އޮށްޓާއި ފަނުން ކޮޓަރިކޮޅުތަކެއްވެސް ހެއްދެވިއެވެ.އެކޮޓަރިކޮޅުތަކާމެދު އެންމެ ޙަޤީޤަތާ އެއްގޮތް ދެންނެވުމަކަށްވާނީ ޖިފުޓިތަކެކޭ ދެންނެވުމެވެ.

އަޚުކުރެއްވުން

ދެވަނަކަމަކަށް ހެއްދެވީ، މުހާޖިރުން މަދީނާގައި އާބާދުކުރެއްވުމާއި، އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ޖާހިލީ ޢަޞަބިއްޔަތަށް ކުޑަވެސް ޖާގައެއް ނޯންނާނެގޮތުން، އެބޭކަލުންގެ މެދުގައި އަޚުވަންތަކަން ޤާއިމު ކުރެއްވުމަށެވެ. އެގޮތުން ޤުރައިޝުންނާއި، އައުސުވަންހައާއި، ޚަޒުރަޖުވަންހަ މައްސުނިކުރައްވައި އަޚު ކުރެއްވިއެވެ. އެކަން ކުރެއްވީ ޤާނޫނެއްގެ ނުވަތަ އޯޑިނެންސެއްގެ ބާރަކުން ނޫނެވެ. އަޚްލާޤީ ގޮވައިލެއްވުމެއްގެ ޒަރީއާއިންނެވެ. އެގޮވައިލެއްވުމަށް އިޖާބަދެއްވައި އަންޞާރުންނާއި މުހާޖިރުން އެކުވެރިވެވަޑައިގަތީ ކިރާއި ހަކުރާ ފަދައިންނެވެ.

އިތުރުސާހިބާގެ ދަޢުވަތު ޤަބޫލުކުރައްވައި މަދީނާއަށް ހިޖްރަކުރައްވަމުން ގެންދެވި ބޭކަލުންނަކީ، ފަހަރެއްގައިވެސް ހަމައެކަނި އެބޭކަލުންނަށް އަމާންކަމުގެ ހިޔާވައްސެއް ހޯއްދަވަން ވަޑައިގަންނަވަމުން ގެންދެވި ބޭބޭކަލުންނެއް ނޫނެވެ. އެބޭކަލުންގެ ވަޒަން ބަދަލުކުރައްވަމުން ގެންދެވީ، އިޤްތިޞާދީ އުންމީދުތަކެއް ޙާޞިލު ކުރައްވާކަށެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެބޭކަލުން ވަޑައިގަންނަވަމުން ގެންދެވީ، މަތިވެރި މާތް މަޤްޞަދުތަކެއްގެ އަމާޒަށް ވާސިލުވެވަޑައިގަތުމަށްޓަކައެވެ. އެހެންކަމުން، އެބޭކަލުން އެމަތިވެރި މަޤްޞަދު ފުރަގަހަށް އެއްލައިލައްވައި، ގެދޮރުވެރިވެވަޑައިގަތުމަކަށްވެސް މުއްސަނދިކަމުގެ ވަސީލަތްތައް ހޯއްދަވާކަށެއްވެސް އެނބުރިވަޑައެއް ނުގަންނަވައެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެބޭކަލުން މަދީނާގައި ރަށްވެހިކުރައްވަމުން ގެންދެވީ، ނުހަނު ފުރިހަމަ ރޭއްވެވުންތެރިކަމަކާ އެކުގައެވެ. އެބޭކަލުންނާއި މަދީނާގެ އަންޞާރުންނާ ދެމެދު އިޤްތިޞާދީ އަދި އިޖްތިމާޢީ އުޚުއްވަތްތެރިކަމެއް ޤާއިމުކުރެއްވިއެވެ. މިސްކިތްތަކުގެ ތަމައްދުނީ މަރުކަޒުތަކުގެ ޒަރީޢާއިން އެންމެހައި މުސްލިމުން އިޖްތިމާޢީ ގިލަފައްޗަކަށް އަމުނައިލެއްވިއެވެ. ޢިލްމު އުނގަންނައިދެއްވުމާއި، ވަޢުޡު ވިދާޅުވުމާއި، ނަސޭހަތްދެއްވުމާއި، އަޅުކަމުގެ ތަމްރީނު ދެއްވުމާއި އަދި މިނޫންވެސް އެކިއެކި ތަދުބީރުތަކުގެ ޒަރީޢާއިން އެބޭކަލުންނަށް ޢަމަލީ، އަދި އަޚްލާޤީ ތަރްބިޔަތުދެއްވަން ވަގުތުން ފައްޓަވައިގެންނެވިއެވެ. އެ ތަރުބިޔަތުގެ ޒަރީޢާއިން އެބޭކަލުންގެ އޮފުރީތި ކުރެއްވުމުގެ މަސައްކަތްޕުޅު، ހިނދުންހިނދަށް ފުޅާކުރައްވަމުން ފުރިހަމަކުރައްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ޖައުހަރު އުއްތަވަމުން ގެންދެވިއެވެ. ހަމައެއާއެކު، ރިޔާސަތެއްގެ ނިޒާމުގެ ތެރެއިން އެބޭކަލުން އެއްހީރަހަކުން އެއްކޮށްލައްވައި،އުސޫލުތަކަކަށް ތަބާކުރެއްވިއެވެ. ނަތީޖާއަކަށްވީ، ހުސްއަތްޕުޅާ މަދީނާއަށް ވަޑައިގެންނެވި ޣީރަތްތެރި މުހާޖިރުންނާއި ކުޑަވެސް އަމިއްލަ އެދުންފުޅެއްނެތް އަންޞާރުން އެކަތިގަނޑަކަށްވެ، ވަރުގަދަ ބާރެއް އުފެދުމެވެ. އެބާރު ދުވަހެއް ދުވަހަކަށް ދިޔައީ އާރުލަމުންނެވެ. ބަދަހިވެ ވަރުގަދަވަމުންނެވެ.

މަދީނާގެ މީޘާޤާއި އިސްލާމީ ދައުލަތް

ކައުސާހިބާ صلّى اللّـه عليه وسلّم ތިންވަނައަށް އެޅުއްވި ފިޔަވަޅަކީ، މަދީނާގެ ޤާނޫނުއަސާސީއެއް އެކުލައްވަވައި، ދައުލަތެއްގެ ބިންގާ އެޅުއްވުމެވެ. ސިޔާސީ ނަޒަރުން ބަލާއިރު މިއީ އިތުރު ސާހިބާ މަދީނާގައި ކުރެއްވި އެންމެ ވަރުގަދަ ބިނާކުރަނިވި މަސައްކަތްޕުޅުކަމުގައި ދެންނެވިދާނެއެވެ. އިތުރު ސާހިބާ މަދީނާގެ ޤާނޫނުއަސާސީގެ ޒަރީޢާއިން މުހާޖިރުންނާއި، އަންޞާރުންނާއި، ޔަހޫދީންނާއި މަދީނާގައި ދިރިއުޅުނު އެހެނިހެން ޢަރަބީން އެންމެން އެއްގިލަފަތްޗެއްގެ ބޮޅުތަކަކަށް ހައްދަވައި އަމުނައިލެއްވިއެވެ. މިވަގުތަކީ މިދެންނެވި ޤާނޫނުއަސާސީއާއި، އެ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ދައުލަތުގެ ހުރިހާ ތަފްސީލުތަކަށްދާން މުނާސަބު ވަގުތެއް ނޫނެވެ. މިދަންނަވައިލަނީ އެ ޤާނޫނުއަސާސީގެ މުހިންމު ބައެއް ދާއިރާތަކުގެ ކުރު ޚުލާޞާއެކެވެ.

މަދީނާގައި ދިރިއުޅޭ އެންމެންނަކީވެސް އެބައެއްގެ ޖާނާއި މާލަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންވާ އެއް އުއްމަތެއްގެ މުވާތިނުންނެވެ. އިންސާނީ ކަރާމަތުގައި ހަމަހަމަ މީހުންނެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ޤަބޫލުކުރާ ދީނަކަށް ޢަމަލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެން ވެއެވެ.

މަދީނާގައި އަލަށް އިންތިޒާމުވާ މުޖްތަމަޢުގައި އެންމެ އިސްކަންދެވޭނީ މާތް اللّـه ގެޙާކިމިއްޔަތަށާއި އެކަލާނގެ ބާވައިލައްވާ ޤާނޫނުތަކަށެވެ.

ސިޔާސީ، ޤާނޫނީ،އިންތިޒާމީ، ޢަދާލަތީ ހުރިހާ ކަމެއްގައި ފަހުބަސް ވިދާޅުވުމުގެ އިޚްތިޔާރު އޮންނާނީ، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަތްޕުޅުގައެވެ.

ދިފާޢީގޮތުން މަދީނާއާއި، އެރަށުގެ ވަށައިގެންވާ އަވަށްއަވަށުގެ މުޅި އާބާދީއަކީ އެއްބައިވަންތަ ބާރެކެވެ. އެ އާބާދީގެ އެއްވެސްބަޔަކަށް އިސްލާމްދީނާއި، މުސްލިމުންނާ ދުޝްމިނު އެއްވެސް ބާރަކަށް ޙިމާޔަތާއި އެއްބާރުލުން ދިނުމުގެ އެއްވެސް ޙައްޤެއް ނުވަތަ އިޚްތިޔާރެއް ނޯންނާނެއެވެ. ބޭރުން މަދީނާއަށް އަމާޒުކުރެވޭ ކޮންމެ ޙަމަލައެއް ދިފާޢު ކުރުމަކީ އެންމެންގެ އިޖްތިމާޢީ ވާޖިބެކެވެ. ދިފާޢީގޮތުންވެސް އެންމެފަހުގެ ނިންމުން ނިންމެވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮންނާނީ رسول اللّـه صلّى اللّـه عليه وسلّم ގެ އަތްޕުޅުގައެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم މަދީނާގައި ބިނާކުރައްވައި އެކަތައިގެ ފަރުބަދައެއްފަދަ ބާރެއްކަމުގައި ހައްދަވައިލެއްވި އިސްލާމީ ދައުލަތް އުފެދިގެންއައީ މިގޮތުގެމަތީންނެވެ. އާދެ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّمމައްކާއިން ނިކުމެވަޑައިގެންނެވީ އެންމެ ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލުކޮޅުގައެވެ. ނަމަވެސް އެކަލޭގެފާނުމަދީނާއަށް ވަޑައިގެން ދެކޮޅުވެރި ހަމަޖީބަޔަކު އެއްބައިކުރައްވައި އެއްވަލަކަށް މައްސަވައިލެއްވިއެވެ. ހައެއްކަމަސްދުވަހުގެ ކުރުމުއްދަތެއްގައި އެމީހުންގެ ވެރިކަމުގެ އާރާއި ބާރު އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ގެންނެވިއެވެ. އެންމެ ލޭތިއްކެއްވެސް ބިންމައްޗަށް ވައްޓަވައިލެއްވުމެއް ނެތިއެވެ. އެކަލޭގެފާނުގެ މަތިވެރި ނަބަވީ ފަރާސަތުގެ ބާރުގައެވެ. މިސާލެއްނުވާފަދަ ސިޔާސީ ދުރުވިސްނައި ވަޑައިގަތުމާއި ޙިކްމަތްތެރިކަމުގެ ބާރުގައެވެ. މިއީ، އިންސާނީ ތާރީޚުން ދެވަނަ މިސާލެއް ދެއްކޭނެ ޙާދިޘާއެއް ނޫނެވެ.رسول اللّـه صلّى اللّـه عليه وسلّم މަދީނާގައި މިބިންގާ އެޅުއްވި އިސްލާމީ ދައުލަތުން ވަނީ ސަތޭކަވަރަކަށް އަހަރަށްވުރެވެސް ކުރުމުއްދަތެއްގެ ތެރޭގައި އެޒަމާނުގެ އެނގިފައިވާ ދުނިޔޭގެ ބޮޑުބައި ފަތަޙަކޮށްފައެވެ. ޢިލްމާއި ސައެންސާއި ރަށްވެހިކަމުގެ އިމާމުކަމުގެ މަގާމު ހޯދައިފައެވެ.

comment ކޮމެންޓް