އަމިއްލަ ރަށް ނޫން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފި

ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ: އަމިއްލަ ރަށް ނޫން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީ ވުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި --- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް މިހާރު ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މި މާޗް މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށެވެ.

ރަށްވެހިވެފައިވާ ރަށްނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 ގެ އިންތިހާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކަމަށެވެ. އަދި އެފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޯމު ހުށަހަޅަންދާ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށާއި އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި ނަމަ ރަޖިސްޓަރީކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ރަޖިސްޓަރީ ކުރުން އޮންނާނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ބަންދު ދުވަސް ދުވަހު މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި އެސްއެމްއެސްގެ ޒަރިއްޔާ އިން ބެލޭނެ އެވެ. އެސްއެމްއެސް ކުރާނީ މެސެޖެއްގައި ވީއާރު ސްޕޭސް އައިޑީ ކާޑު ނަމްބަރު ( VR A900090 ) ޖެހުމަށްފަހު 1414 އަށެވެ.

comment ކޮމެންޓް