ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ --- ފޮޓޯ/ މަޖިލިސް

ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުވާގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު އިގްތިސާދީ ކޮމިޓީން ނިންމިގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. އިގްތިސާދީ ކޮމިޓީން ނިންމާފައިވާ ނިންމުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މާދަމާގެ ޖަލްސާގައި އެ އިސްލާހަށް ވޯޓަށް އެހުން އޮންނާނެ ކަމަށް ބެލެވެ އެވެ.

އިގްތިސާދީ ކޮމިޓީން ނިންމާފައިވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރާށެވެ. އަދި ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ. އެގޮތަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލިގެންދާނެ އެވެ. މިހާރު ސިނގިރެޓް ފޮއްޓެއް އުޅެނީ 50 ރުފިޔާއަށެވެ.

ކޮމިޓީއަށް އިސްލާހު ހުށަހެޅި އިރު އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ލިޓަރަކަށް 4.64 ރުފިޔާ ބޮޑުކުރާން ނިންމާފައިވީ ނަމަވެސް އިގްތިސާދީ ކޮމިޓީން ވަނީ އެޔަށް ބަދަލުގެނެސްފައެވެ. އެގޮތުން އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ލިޓަރަކަށް 33.60 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރާއްޖެއަށް އާންމުކޮށް އެތެރެ ކުރާ އެނާޖީ ޑްރިންކް ދަޅުތައް އާންމުކޮށް ހުންނަނީ 250 މިލިލިޓަރުގައެވެ. އާ އިސްލާހު ފާސްވެއްޖެނަމަ އެފަދަ ދަޅަކުން 8.41 ރުފިޔާ ބޮޑުވެގެންދާނެ އެވެ. އެގޮތުން 20 ރުފިޔާއަށް މިހާރު ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28 ރުފިޔާއަށް އުފިލިގެންދާއިރު، 15 ރުފިޔާއަށް މިހާރު ލިބޭ އެސްއެލް ދަޅެއްގެ އަގު 23 ރުފިޔާއަށް އުފުލޭނެ އެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް