ގެއްލުނު މަސް ދޯނި ހޯދަން އިންޑިއާ އެއާކްރާފްޓުގެ އެހީތެރިކަމަށް އެދިއްޖެ

އިންޑިއާގެ އެއާކްރާފްޓް ކެރިއާއެއް ރާއްޖޭގައި-- ސަން ފޮޓޯ/ ޝަފްނާ ހުސައިން

މީގެ ހަފްތާއެއް ކުރިން ގެއްލުނު "ބްލޫ ފިޝް 1" ހޯދުމުގައި އަވަށްޓެރި އިންޑިއާ އަސްކަރިއްޔާގެ އެއާ ކްރާފްޓުގެ އެހީ ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެދިއްޖެ އެވެ.

އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން މީގެ ކުރިން ބުނެފައި ވަނީ، 87 ފޫޓު ދިގު އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ކ. ދިއްފުށި ބޭރުގައި އޮއްވައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މީގެ ކުރިން ވިދާޅުވީ ހަތް ދުވަސް ކުރިން ގެއްލުނު އެ ދޯނީގައި ކޮއްތު ހުންނާނީ، 12 ދުވަހަށް ފުދޭ ވަރަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދޯނި ހޯދުމުގައި އެހީތެރިކަމަށް ސްރީ ލަންކާ އަދި އިންޑިއާ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެމްއެންޑީއެފް ކޯސްޓްގާޑް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ "ބްލޫ ފިޝް 1" ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް