ދިވެހި އަޑުތަކުން ގުގުމާލި ޑީއާރުޓީ ޝޯ ނިންމާލައިފި

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ސިންގަޕޫރުގެ ސަންޓެކް ސިޓީ ކޮންވެންޝަން ސެންޓަރުގައި، ދިވެހި ފަންނާނުންގެ މިއުޒިކީ ހުނަރުތަކާއެކު ކުރިއަށް ގެންދިޔަ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ، ޑީއާރުޓީ ޝޯ މިއަދު ނިމިއްޖެ އެވެ.

އެ ޝޯގައި ދިވެހި 12 ކުންފުންޏަކުން ބައިވެރިވި އިރު އޭގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް ހިމެނެ އެވެ. އެ އިވެންޓުގެ ތެރޭގައި ހައިރައިޒްއިން އިންތިޒާމުކޮށްގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށާއި ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ކޮންމެ އަހަރަކު ކުރިއަށް ގެންދާ ސައުންޑްސް އޮފް މޯލްޑިވްސް ވެސް ބޭއްވި އެވެ.

އެ ފެސްޓިވަލް މި އަހަރު ކުރިއަށް އެ ގެންދިޔައީ އެމްއެމްޕީއާރުސީން އެންޑޯޒް ކޮށްގެންނެވެ.

ޑީއާރުޓީ ޝޯގައި ބައިވެރިވި ދިވެހި ކުންފުނިތައް:

  • ކާނި ހޮޓެލްސް
  • ރިވެރީސް ލާމު
  • ކެޕިޓަލް ޓްރެވަލް
  • ޑައިވްކްލަބް މޯލްޑިވްސް
  • ބަންޔާން ޓްރީ މޯލްޑިވްސް
  • ކްރެކެން އެޑްވެންޗާސް
  • ޑައިވް އޯޝަނަސް
  • އައިމޯ ޓްރެވަލްސް
  • އެޓޯލް ހައިކާ
  • ސްކޫބާ ސްޕާ
  • މޯލްޑިވްސް ކަލެކްޝަންސް
  • އުނިމާ ގްރޭންޑު

ސައުންޑްސް އޮފް މޯލްޑިވްސްގައި ދިވެހި މިއުޒިކީ ހުށަހެޅުންތައް ހުށަހަޅައިދިން ފަރާތްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، ގްރެވިޓީ ބައި ހަބޭސް، މުހައްމަދު މުއައްޒިން ނައީމް، ހަސަން ތޮލާޤް، ރިއްޓޭ އަދި ޑީޖޭ އަލީ ހިމެނެ އެވެ. ސައުންޑްސް އޮފް މޯލްޑިވްސްގެ ހުރިހާ ހުށަހެޅުމެއް ވެސް ކުރިޔަށްދިޔައީ ޑީއާރުޓީ ޝޯގެ ސްޓޭޖް އޭގަ އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރެއިން --

އެ ފެއާގައި އެމްއެމްޕީއާރުސީގެ އޮފިޝަލުން ވެސް ބައިވެރިވެ އެވެ. "ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު ރާފިލް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޑައިވިން މާކެޓު އިތުރަށް ފުޅާ ކުރުމަށް ޓަކައި ޑީއާރުޓީ ޝޯ އަކީ ވަރަށް މުހިއްމު ޝޯ އެއް ކަމަށެވެ. އަދި ޑައިވް ކުރުމަށް ބޭނުންވާ ބައެއް ފަތުރުވެރިން ރާއްޖެ އައުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ދާން ބޭނުންވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ޑައިވިން ޕެސިޕިކް ހުންނަ ފީޗާސް މާކެޓިން ޓޫލްސް ގޮތުގައި ބޭނުންކޮށްގެން ދުނިޔެއަށް އަންގަން. އޭރަށް އަސްލު ޑައިވިން ތަފާތު ކުރެވޭނީ،" ރާފިލް ވިދާޅުވި އެވެ.

އެ ޝޯގައި ބައިވެރިވި ބައެއް ފަރާތްތަކަށް ފެއާގައި އެހާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ފެއާ "އެހާ އެހާ ކާމިޔާބު" ނޫން ކަމަށެވެ. ނަމަވެސް "ފުދޭ ވަރެއް" ވެއެވެ.

"ތިން ދުވަހު ވަރަށް މަސައްކަތް ކުރެވިއްޖެ. ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ދެ ޗާންސް ލިބުނު ސްޓޭޖް މަތިން ވާހަކަ ދައްކާލަން. ވަރަށް ކާމިޔާބު،" ޑައިވް އޯޝަނިއަސްގެ ފަރާތުން އެ ފެއާގައި ބައިވެރިވި މަޝްހޫރު ޑައިވިން އިންސްޓްރަކްޓަރު ހުސެން ރަޝީދު (ސެންޑި) ބުންޏެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރެއިން -- ފޮޓޯ: އެސްއޯއެމް

އެ ޝޯއާ ގުޅޭ ގޮތުން އެޓޯލް ހައިކާސް އިން ބުނީ، ޑީއާރުޓީ ޝޯ "ވަރަށް ސަޅި" ކަމަށެވެ.

"އެކަމަކު މިއަށްވުރެ ސަޅި ވީސް ތަންކޮޅެއް ބޮޑަށް މާކެޓު ކޮށްލެވުނު ނަމަ ޑީއާރުޓީ ގެ ސައިޑުން. އެކްސްޕެކްޓް ކުރި ވަރަށްވުރެ ރަށް އޯޑިއެންސް. އެކަމަކު ދެން ފަހަރަކުން މިއަށްވުރެ ރަނގަޅަށް ތައްޔާރުވެގެން އައިމަ ހީވަނީ މިއަށްވުރެ ރަނގަޅު ވެދާނެ ހެން. އެކަމަކުވެސް އިޓް ވޯޒް އޯކޭ،" އެޓޯލް ހައިކްސާގެ ފަރާތުން އިއްސެ ބުންޏެވެ.

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ޑައިވިން ކުރުމަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ. އޭގެ ތެރެއިން ސްނޯކަލިންނާއި ސްކޫބާ ޑައިވިން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތިކަން ބަލާލުމަށް އަންނަ ފަތުރުވެރިން ވަރަށް ކުރާ ހިތްވާ ކަމެކެވެ. މި ޝޯގެ ތެރެއިން ޑައިވިން މާކެޓު ފުޅާވެ ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް