ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނަސް، އެ ބުރަ ރާއްޖޭގެ ރައްޔިތުން އުފުލާކަށް ނުޖެހޭނެ: ޔޫސުފް ރިޒާ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ (ޔޫތް): އަގުތައް އުފުލުނަސް ރާއްޖޭގެ ރައްޔިތުންނަށް ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/ ޕޮޑްކާސްޓް ސްކްރީން ޝޮޓެއް

ދުނިޔޭގެ ބާޒާރުގައި، ޚާއްސަކޮށް މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދިޔަ ނަމަވެސް، ދިވެހި ރައްޔިތުންނަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އަންނަނީ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިސޯދު ސިންދިފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދިމާވާ މާލީ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އެހީ ހޯދަމުންދާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާތީ އާންމުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.

  • ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނަސް ރައްޔިތުންނަށް އޭގެ އަސަރު ނުކުރާނެކަމުގެ ޔަގީންކަން ދިނުން
  • ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރުން
  • ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، ސިންދިފާތުކުރުމުގެ މުހިންމުކަން
  • ތެލުގެ އަގު ބޮޑުވުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަތޭކަ މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނު ނަމަވެސް، އެ ބުރަ ރާއްޖޭގެ ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ (ޔޫތް) ވިދާޅުވެއްޖެއެވެ.

ރިޒާ އެފަދައިން ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ މަސްރަހަށް އަންނަ ބަދަލުތަކާއި، މުދަލުގެ އަގުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، އިގްތިސޯދީ ކުރިއެރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ މަސްރަހަށް، ޚާއްސަކޮށް މެދުއިރުމައްޗަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކްރައިސިސް ކޮމިޓީގެ ލަފާގެ މަތިން، ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މުދާ އެތެރެކުރާ މާކެޓުތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ މުދާ ރައްކާކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުން ހިމެނެއެވެ.

ރާއްޖޭގައި ބޭނުންވާ ވަރަށް މުދާ އެބަހުރި ކަމުގެ ޔަގީންކަން ދެއްވަމުން، ޔޫސުފް ރިޒާ ވަނީ ބޭނުމެއް ނެތި މުދާ އެއްނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

އޭނާ ވިދާޅުވީ ވިޔަފާރިއަކީ ކޮންމެ ދިވެއްސެއްގެ ދިރިއުޅުމާ ލާމެހިފައިވާ ކަމަކަށް ވާއިރު، މިދުވަސްވަރު އަންނަ ބަދަލުތަކަށް ހޭލުންތެރިވުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ގައުމަކަށް ހެދުމަށްޓަކައި އެހެން ވުޒާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިގްތިސޯދީ ދާއިރާއަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި އިގްތިސޯދު ސިންދިފާތުކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި އިގްތިސޯދު ސިންދިފާތުކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއް. މިކަމުގެ ސަބަބުން ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކުން ކުރާ އަސަރު ކުޑަކުރެވޭނެ، ޔޫސުފް ރިޒާ (ޔޫތް)

އަދި ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޓްރާންސްޕޯޓުގެ ދާއިރާ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވުމަކީ ވިޔަފާރީގެ ސަޕްލައި ޗެއިން ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ނުދާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންގެންދިޔަ ނަމަވެސް ބައެއް ބާވަތްތަކުގެ ތަކެތީގެ އަގުތައް ވަނީ އުފުލިފައިއެވެ. އެގޮތުން އެންމެ ބޮޑަށް ބާޒާރުގައި އަގު އުފުލިފައިވާ އެއްބާވަތަކީ ތެލެވެ.

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސެލް ލީޓަރެއް ވިއްކާ އަގު އިއްޔެއިން ފެށިގެން 28ރ. އިން މައްޗަށް ވަނީ ގޮސްފައެވެ.

https://sun.mv/220661

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވަމުން އަންނާތީ އޭޭޝިއާގެ ގައުމުތަކުން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެފަދަ ފިޔަވަޅުތަކެއް ރާއްޖޭގެ ސަރުކާރުން އަޅަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް