ބަހުގެ ދުވަސް ފާހަގަކުރަން ބޭއްވި ނީލަމުގައި ބޯކިބަލެއް 2000 ރުފިޔާއަށް ވިއްކާލައިފި

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ) އިން އިއްޔެ ހަވީރު ބޭއްވި ހަރަކާތުގެ ތައްޔާރުކޮށްފައި ހުރި ބޯކިބާތައް --- ފޮޓޯ/ އެފްއޭ

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ) އިން އިއްޔެ ހަވީރު ބޭއްވި ހަރަކާތުގައި ފޮނި ބޯކިބަލެއް 2000 ރުފިޔާއަށް ވިއްކާލައިފިއެވެ.

އިއްޔެ ބޭއްވި ހަވީރުގައި ފެކަލްޓީ އޮފް އާޓްސްގެ އެކި ކޯސްތައް ކިޔަވާ ދަރިވަރުންގެ ތެރޭގައި ގިނަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ސަގާފީ އައިޓަމްގެ މުބާރާތަކާއި ލީފްލެޓް މުބާރާތެއްގެ އިތުރުން އެންމެ ނަލަ ދިވެހިވަންތަ ހެދުމުގެ މުބާރާތެއް ވެސް ކުރިއަށްދިޔައެވެ.

ނަމަވެސް އެންމެ ފޯރިއާއެކު ކުރިއަށް ދިޔައީ ބޯކިބާ މުބާރާތެވެ. މުބާރާތުގައި އެކި ކްލާސްތަކުން ތަފާތު ވައްތަރުގެ ނަންނަމުގައި އެކި ޑިޒައިންތަކުގެ ބޯކިބާ ތައްޔާރުކޮށް، ރަހަ ބަލާލުމުގެ ފުރުސަތު ވެސް އޮތެވެ.

އެގޮތުން ކުޅި އަދި ފޮނި ބޯކިބާގެ ތެރެއިން އެންމެ ކަމުދާ ބޯކިބާ ހޮވުމަށްފަހު އެ ބޯކިބާތައް ވަނީ ނީލަން ކިޔައިފައެވެ. ނީލަމުގައި އެންމެ ބޮޑު އަގެއްގައި ވިކުނީ މިދިޔަ އަހަރުގެ ޑިޕްލޮމާ އިން ޖާނަލިޒަމް ކުލާހުގެ ދަރިވަރުން އެޅި ފޮނި ބޯކިބަލެވެ.

ފޮނި ބޯކިބާ މުބާރާތުން ދެވަނައަށް ހޮވުނު އެ ބޯކިބާ ނީލަމުގައި 2000 ރުފިޔާއަށް އަގު އަރައިގެންދިޔައެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ) އިން އިއްޔެ ހަވީރު ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭ

މުބާރާތުގެ ދެވަނައަށް ހޮވުނީ މިއަހަރުގެ ޑިޕްލޮމާ އިން ޖާނަލިޒަމް ކުލާހުގެ ދަރިވަރުން އެޅި ފޮނި ބޯކިބަލެވެ. އެ ފޮނި ބޯކިބާ ނީލަމުގައި ވިކުނީ 1000 ރުފިޔާއަށެވެ.

ކުޅި ބޯކިބާތަކުގެ ތެރެއިން، ދިވެހި ބަހުގެ މިިދިޔަ އަހަރުގެ ޑިގްރީ ކޯހުގެ ދަރިވަރުން ތައްޔާރުކުރި ބޯކިބާ 1000 ރުފިޔާއަށް ވިއްކާލިއިރު، ދެވަނަ އަށް އެންމެ އަގުބޮޑުކޮށް ވިއްކާލެވުނީ 2015 ވަނަ އަހަރުގެ ދިވެހި ބަހުގެ ޑިގްރީ ކޯހުގެ ދަރިވަރުން ހެދި ބޯކިބަލެވެ.

އެ ބޯކިބާ ނީލަމުގައި ވިއްކާލާފައިވަނީ 700 ރުފިޔާއަށެވެ. އަދި ބެޗްލާސް އޮފް ސައިކޮލޮޖީ 2015 ވަނަ އަހަރުގެ ކްލާހުން ތައްޔާރުކުރި ކުޅި ބޯކިބާ ވިކުނީ 500 ރުފިޔާއަށެވެ.

އިއްޔެ ބޭއްވި މުބާރާތްތަކުގައި ގިނަ ވަނަތަކެއް ގެންގޮސްފައިވަނީ ނޫސްވެރިކަން ކިޔަވާ ދަރިވަރުންނެވެ. އެގޮތުން ސަގާފީ އައިޓަމްގެ މުބާރާތުން އެއްވަނަ ދެވަނަ ތިން ވަނަ ވެސް ގެންގޮސްފައިވަނީ ޖާނަލިޒަމް ކުދިން ހުށަހަޅައިދިން އައިޓަމްތަކެވެ.

ލީފްލެޓް މުބާރާތުގެ އެއްވަނަ މިއަހަރުގެ ބެޗްލާސް އޮފް އާޓް އިން ޖާނަލިޒަމް ކުދިން ހޯދިއިރު، ދެވަނަ ހޯދީ މިދިޔަ އަހަރު ބެޗްލާ އޮފް ސައިކޮލޮޖީ ކިޔަވާން ފެށި ދަރިވަރުންނެވެ. ތިން ވަނަ ލިބުނީ 2015 ވަނަ އަހަރު ބެޗްލާސް އޮފް ސައިކޮލޮޖީގެ ދަރިވަރުންނަށެވެ.

comment ކޮމެންޓް