ފޮޓޯތައް ވަނީ މުޅިން ބަދަލުކޮށްފައި: އައިޝާ ޓާކިއާ

އައިޝާ ޓާކިއާ އެންމެ ފަހުން ޕޯސްޓު ކުރި ފޮޓޯ --

ބަތަލާ އައިޝާ ޓާކިއާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނާ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

އައިޝާއަށް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމުގެ ތުހުމަތުތައް ކޮށްފައި ވަނީ މުމްބާއީގައި ކުރިއަށް ދިޔަ އިވެންޓަކަށް އައިޝާ ހާޒިރުވި އިރު، އޭނާގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ބުނެ އާންމުވި ފޮޓޯތަކެއްގެ ސަބަބުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއު އެއްގައި އައިޝާ ބުނެފައި ވަނީ، ފޮޓޯތައް އެޑިޓް ކޮށް ބަޔަކު އޭނާގެ ސިފައަށް ބަދަލު ގެނެސްފައި ވަނީ ކަމަށެވެ.

"އޮންލައިން ކޮށް މީހުންނަށް ބުލީ ކުރުން މިވަނީ މިހާރު އެހެން ދަރަޖައަކަށް ގޮސްފައި. ގޮސިޕް ކޮލަމް ތަކާއި ވިޔާނުދާ މަދު ބަޔަކު ވަނީ އަހަރެންގެ ފޮޓޯތައް މުޅިން ބަދަލުކޮށްފައި. އެކަމަކު ހަގީގަތް އެނގޭނެ އެންމެނަށް ވެސް. އަހަންނަކީ ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ކުރާ މީހެއް. އެހެންކަމުން އަހަރެން މިހާރު ހުންނަ ގޮތް އެންމެނަށް ވެސް އެނގޭނެ،" އައިޝް ބުނެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އަދި އިންސްޓަގްރާމް އިން އޭނާ ފޮލޯ ކުރާ ގިނަ މީހުން "ދޮގު ވާހަކަތައް" ގަބޫލުކޮށްފައި ނުވާ ކަމަށް ވެސް އައިޝާ ބުންޏެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައިޝާ އިންސްޓަގްރާމްގައި ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައި ވާއިރު، މީހުން ދައްކާ ވާހަކައަށް އަޅާނުލުމަށް އޭނާގެ ސަޕޯޓަރުން ގާތު ވަނީ އެދިފައެވެ.

'ވޯންޓެޑް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އައިޝާ ކެމެރާގެ ކުރިމަތިން ގެއްލުނީ 2009 ވަނަ އަހަރު ކައިވެނި ކުރި ހިސާބުންނެވެ. ނަމަވެސް މިހާރު އޭނާ އަންނަނީ ފިލްމީ ދާއިރާ އާ އަލުން ގުޅުމަށް ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް