ކްލަބުތަކަށް ފައިސާ ދޫކުރަން ފަށަނީ!؟

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕް ފެށިގެންދިއުމާ އެކު އަދި މާލޭ ލީގު ފެށެން ގާތްވެފައި ވަނިކޮށް، ކްލަބުތަކުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ކަމަކީ އެ ކްލަބުތަކަށް އެފްއޭއެމުން ދޭން އެއްބަސްވި ފައިސާއަށްވާގޮތެއް ނޭނގުމުންނެވެ. ނަމަވެސް ކުރިއަށްއޮތް ދެ ހަފްތާތެރޭ އެފްއޭއެމުން ކުރަން ޖެހޭ ކަންތައްތައް މުޅިން ނިންމާލާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން މިވަނީ ދީފަ އެވެ.

ކްލަބުތަކުން ކަންބޮޑުވުން ފާޅުކުރީ އޭއެފްސީ ކަޕް ފެށިގެންދިޔުމާ އެކު އަދި މާލޭ ލީގު ފެށެން ގާތްވެފައި ވަނިކޮށް އެ ފައިސާ އޭރުވެސް ލިބިފައިނުވުމުންނެވެ. އިއްޔެ މިވަނީ މާލޭ ލީގު ވެސް ފެށިފަ އެވެ. ޓީމުތަކަށް ފައިސާ ދިނުމަށް އެފްއޭއެމުން ހަމަޖައްސާފައި ވަނީ 12 ކުންފުންޏަކުންނެވެ. ކުންފުނިތަކުން ފައިސާދޭ ޓީމުތަކަކީ މާލޭ ލީގުގައި ވާދަކުރާ އަށް ކްލަބާއި، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތެރޭގެ ހަތަރު ޓީމެވެ.

ކޮންމެ ކްލަބަކަށް ކުންފުންޏެއް، ކުންފުނި އެނގޭނީ ގުރުނެގުމަށް ފަހު!

މާލޭ ލީގުގައި ވާދަކުރާ އަށް ކްލަބަށް ކުންފުނިތައް މެދުވެރިކޮށް ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތެރޭގެ ހަތަރު ޓީމަށް ކުންފިނުތައް މެދުވެރިކޮށް 1.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ ފައިސާ ދިނުމަށް ކޮންމެ ޓީމަކަށް ވެސް ކުންފުންޏެއް ހަމަޖެހިގެންދާނެ އެވެ. ކޮންމެ ކްލަބަކަށް ހަމަޖެހޭ ކުންފުންޏެއް ކަށަވަރުވާނީ ގުރުނެގުމަށްފަހު އެވެ. ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެކްލަބަކަށް ދެ މިލިއަން ރުފިޔާ ހަރަދުކުރާ ކުންފުނި އެނގިގެންދާނެ އެވެ. އަދި އަތޮޅުތެރޭގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ހަރަދުކުރާ ކުންފުނިތައް އެނގިގެންދާނެ އެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި އެ އިދާރާގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑުމެންނަށް ކުއްލި ކުއްލިއަށް ކަންތައްތަކެއް ނިންމައެއް ނުލެވޭނެ. އެހެންނަމަވެސް ކުރިއަށްއޮތް ހަފްތާގެ ބުރާސްފަތީ ދުވަހު މިއޮތީ ގުރުނެގުން. ގުރުލުމަށް ފަހު މި އެނގެނީ ކޮން ކްލަބެއްތޯ، ކޮން ކުންފުންޏަކާތޯ މިގުޅެނީ. އެއަށް ފަހު އަދި ޖެހިގެން އަންނަ ހަފްތާގައި އަޅުގަނޑުމެން ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާނަން،" މިއަދު ހެނދުނު އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއަށް ފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

ކުންފުނިތަކުން ކްލަބުތަކަށް ފައިސާ ދޫކުރާނީ ކޮން އުސޫލަކުން؟

ކްލަބުތަކާއެކު ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެން އެންމެ އަވަހަށް ނިމިގެންދާނީ އެ ފައިސާ ކްލަބުތަކަށް ދޭނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތެވެ. އެ ފައިސާ ދޭނީ އެއް ފަހަރާތޯ ނުވަތަ ބަހާލައިގެންތޯ ނިންމާނީ ކްލަބާއި އެ ކްލަބަކަށް ހަމަޖެހޭ ކުންފުނިން އެއްބަސްވާ ގޮތަކަށެވެ.

"ކޮންޓްރެކްޓްތަކުގައި ސޮއިކުރުމަށް ފަހު ކްލަބާ ކުންފުންޏާ މަޝްވަރާކުރެވިގެން ފައިސާ ދޫކުރެވޭނީ ކިހިނެތްތޯ އެނގޭނީ. ކޮންގޮތަކަށްތޯ ފައިސާ ދޫކުރާނީ. މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ކްލަބުތަކާއި ކުންފުނިތަކަށް ދޫކޮށްލާނަން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބުތަކަށް މުބާރާތްތަކުން ވެސް ފައިސާ ލިބޭ!

އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކުގައި ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ މުބާރާތްތަކާއި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހިމެނެ އެވެ.

ފުރަތަމަ ޑިވިޝަންގެ މުބާރާތްތަކުގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓް ކަޕް ހިމެނެ އެވެ. ޕްރިމިއާ ލީގަށް ބަލާއިރު، ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އެއް މިލިޔަން ރުފިޔާ ލީގުގެ ގަދަ ހަ ޓީމުގެ މެދުގައި ބަހާލުމަށް ހަމަޖެހިފައިވެ އެވެ. އެގޮތަށް ހަމަޖެހުމުން ޕްރިމިއާ ލީގުގެ ފޯރި އިތުރުވެގެންދާނެ ކަމަށް ބައްސާމް ގަބޫލުކުރައްވަ އެވެ.

އެފްއޭ ކަޕުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށެވެ. އެ މުބާރާތުގެ ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 150،000 ރުފިޔާ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިސާގެ އިނާމެއްގެ ގޮތުގައި ވެސް ކަނޑައަޅާފައި ވަނީ 150،000 ރުފިޔާ އެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ހިންގަމުންދިޔައީ ވަރަށް ހާލުގަ އެވެ. ނަމަވެސް މިއަހަރު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ. އަދި ހަމައެގޮތަށް ކަންތައްތައް ހަމަޖެހިއްޖެ ނަމަ ކްލަބުތަކުން ކުރާ ހަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކްލަބުތަކުން ވެސް ގަބޫލުކުރެ އެވެ.

comment ކޮމެންޓް