ޑީއާރުޓީ ޝޯގައި ރާއްޖޭގެ ސްޓޯލްއަށް ހޫނު ތަރުހީބެއް!

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކި ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކަމުގެ އެންމެ ހާޑްކޯކޮށް ހަރަކާތްތެރިވާ ދެފަރާތުގެ ތެރެއިން އެއް ފަރާތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެވެ.

ރާއްޖެ އިން ބޭރުގައި ބާއްވާ ގިނަ ޓްރެވަލް ޝޯތަކުގައި އެކުންފުނިން އަންނަނީ ބައިވެރިވެ، އެ ޝޯތަކުގައި ދިވެހި ކުންފުނިތައް ބައިވެރިކުރުވައި ރާއްޖެ އިސްތިހާރު ކުރުމުގެ ކަންކަން އިންތިޒާމު ކުރަމުންނެވެ. އެގޮތުން މިހާރު ސިންގަޕޫރުގެ ސަންޓެކް ސިޓީގައި ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގައި ވެސް އެ ކުންފުނިން މިވަނީ ބައިވެރިވެފަ އެވެ.

އެ ޝޯގައި ދިވެހި 12 ކުންފުންޏަކުން ބައިވެރިވާ އިރު އޭގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް ހިމެނެ އެވެ. އެ އިވެންޓުގެ ތެރޭގައި ރާއްޖޭގެ އިތުރު އިވެންޓެއް ވެސް ކުރިއަށް އެބަ ދެ އެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށާއި ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސް މިއުޒިކް ފެސްޓިވަލެވެ. އެ ފެސްޓިވަލް މި އަހަރު ކުރިއަށް އެ ގެންދަނީ އެމްއެމްޕީއާރުސީން އެންޑޯޒް ކޮށްގެންނެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

އެ ޝޯގައި ރާއްޖެ އިން ބައިވެރިވާ 12 ކުންފުންޏަށް ވެސް ޝޯގައި ބައިވެރިވި މަގްސަދު އެބަ ހާސިލްވެ އެވެ.

"އިއްޔެ އެހާ ރަނގަޅެއް ނޫން. އެކަމަކު ވީކެންޑާ ދިމާކޮށް މިއަދު ރަނގަޅު. މިއަދު ހަމަ ވަރަށް ގިނަ މީހުން އެބަ އާދޭ. ވީކެންޑު ދެ ދުވަހު ވިޒިޓާސް ރަނގަޅުވާނެ ކަމަށް ބެލެވޭ. ވަރަށް ރަނގަޅު ތަރުހީބު،" އެ ޝޯގައި ބައިވެރިވާ، ސައުންޑްސް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާ، ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން ކުންފުނިތަކުން ވެސް މައިގަނޑު ގޮތެއްގައި ބުނަނީ މިހެންނެވެ. އިއްޔެ އަށް ވުރެ މިއަދު ޒިޔާރަތް ކުރާ މީހުންގެ އަދަދު ގިނަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ޑީއާރުޓީ ޝޯގައި ބައިވެރިވާ ފަރާތްތައް:

  • ކާނި ހޮޓެލްސް
  • ރިވެރީސް ލާމު
  • ކެޕިޓަލް ޓްރެވަލް
  • ޑައިވްކްލަބް މޯލްޑިވްސް
  • ބަންޔާން ޓްރީ މޯލްޑިވްސް
  • ކްރެކެން އެޑްވެންޗާސް
  • ޑައިވް އޯޝަނަސް
  • އައިމޯ ޓްރެވަލްސް
  • އެޓޯލް ހައިކާ
  • ސްކޫބާ ސްޕާ
  • މޯލްޑިވްސް ކަލެކްޝަންސް
  • އުނިމާ ގްރޭންޑު

މި ކުންފުނިތަކުން ފެއާގައި ބައިވެރިވެ ކުރާ މަސައްކަތުގެ އިތުރުން ރާއްޖޭގެ ޘަގާފަތް ދައްކާލުމަށް ހަބޭސް ބޮޑުބެރު ގްރޫޕުން ސައުންޑްސް އޮފް މޯލްޑިވްސް ފެސްޓިވަލުގެ ތެރޭގައި ދިވެހި ޘަގާފީ ނެށުމާއި އެފަދަ ހަރަކާތްތައް ދައްކާލޭނެ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގައި ދިވެހި މިއުޒިކީ ހުށަހެޅުންތައް ހުށަހަޅައިދޭ ފަރާތްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، ގްރެވިޓީ ބައި ހަބޭސް، މުހައްމަދު މުއައްޒިން ނައީމް، ހަސަން ތޮލާޤް، ރިއްޓޭ އަދި ޑީޖޭ އަލީ ހިމެނެ އެވެ. ސައުންޑްސް އޮފް މޯލްޑިވްސްގެ ހުރިހާ ހުށަހެޅުމެއް ވެސް ކުރިޔަށް ދަނީ ޑީއާރުޓީ ޝޯގެ ސްޓޭޖް އޭގަ އެވެ.

މި ފެއާގައި އެމްއެމްޕީއާރުސީގެ އޮފިޝަލުން ވެސް ބައިވެރިވެ އެވެ. "ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު ރާފިލް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޑައިވިން މާކެޓު އިތުރަށް ފުޅާ ކުރުމަށް ޓަކައި ޑީއާރުޓީ ޝޯ އަކީ ވަރަށް މުހިއްމު ޝޯ އެއް ކަމަށެވެ. އަދި ޑައިވް ކުރުމަށް ބޭނުންވާ ބައެއް ފަތުރުވެރިން ރާއްޖެ އައުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ދާން ބޭނުންވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ްއެހެންވެ އެ ޝޯގައި ރާއްޖޭގެ ފަރާތުން ބޮޑަށް ޝޯ ކޭސް ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި ތަފާތު ޑައިވިން ޕޮއިންޓުތަކާއި، ކަނޑުގެ ދިރުން ދައްކުވައިދޭ ތަންތަނުގެ މައުލޫމާތު ޓްރެވަލް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޭން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޑައިވިން ޕެސިޕިކް ހުންނަ ފީޗާސް މާކެޓިން ޓޫލްސް ގޮތުގައި ބޭނުންކޮށްގެން ދުނިޔެއަށް އަންގަން. އޭރަށް އަސްލު ޑައިވިން ތަފާތު ކުރެވޭނީ،" ރާފިލް ވިދާޅުވި އެވެ.

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ޑައިވިން ކުރުމަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ. އޭގެ ތެރެއިން ސްނޯކަލިންނާއި ސްކޫބާ ޑައިވިން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތިކަން ބަލާލުމަށް އަންނަ ފަތުރުވެރިން ވަރަށް ކުރާ ހިތްވާ ކަމެކެވެ. މި ޝޯގެ ތެރެއިން ޑައިވިން މާކެޓު ފުޅާވެ ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް