ހުރިހާ ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެންމީހާގެ ހޮވުމުގައި ރާއްޖެ އަށް ތިން ވަނަ

ކެސެންދުރަ ޑި ޕެކޯލް ޕެކޯލް ---

ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެންމީހާގެ ހޮވުމުގައި ކޮންމެހެން ވެސް ޒިޔާރަތްކުރަން ޖެހޭ ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕީސް ތުރޫ ޓޫރިޒަމް (އައިއައިޕީޓީ)ގެ އެހީއާ އެކު އެމެރިކާއަށް އުފަން އުމުރުން 27 އަހަރުގެ ކެސެންދުރަ ޑި ޕެކޯލް ޕެކޯލް އޭނާގެ ދަތުރު ފަށާފައި ވަނީ 2015 ގެ ޖުލައި މަހު އެވެ. އޭނާގެ ދަތުރުގައި 18 މަހާއި 26 ދުވަހުގެ ތެރޭގައި ދުނިޔޭގެ 196 ގައުމަކަށް ވަނީ ދަތުރުކޮށްފަ އެވެ.

ހުރިހާ ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެން މީހާގެ އިތުރުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ގައުމަކަށް ދަތުރުކުރި މީހާގެ ރެކޯޑް ވެސް ހޯދި ޕެކޯލްގެ ހޮވުމުގައި ރާއްޖެ ހިމަނާފައި ވަނީ ތިން ވަނަ އަށެވެ.

ޕެކޯލްގެ ދަތުރުގައި ރާއްޖެއަށް ވެސް އައިސްފައިވެ އެވެ. އޭނާގެ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުން އަންނަ އިންސްޓަގުރަމް އެކައުންޓުގައި ހިއްސާކޮށްފައިވާ ގޮތުން އޭނާ ރާއްޖޭގައި ދުވަސްތައް އުޅެފައި ވަނީ ސޮނެވާ ފުށީގަ އެވެ.

ދަތުރު ނިންމާލުމަށް ފަހު ދަ ޓެލެގުރާފަށް ހެދި ލިސްޓުގެ ތިން ވަނަ ރާއްޖެ އަށް ދެމުން ޕެކޯލް ބުނީ، ރާއްޖެ އަށް ތިން ވަނަ ދިނީ، ދުނިޔޭގެ އެންމެ ނޫ މޫދާއި އެންމެ ހުދު ދޮންވެއްޔާއި އެންމެ ރީތި ފިނޮޅުތައް އޮތުމުން ކަމަށެވެ.

ރާއްޖެ އަށްދާންވީ ސަބަބު ޕެކޯލް ބުނެ ދީފައި ---

ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމަށް ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރަމުންދާ ޕެކޯލް ހެދި ލިސްޓުގައި އެއް ވަނަ މޮންގޯލިއާއަށް ދީފައިވާ އިރު، ދެ ވަނަ ދީފައި ވަނީ ބޫޓާން އަށެވެ. ގަދަ 10ގައި ހިމަނާފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުތު ޕެސިފިކްގައި އޮންނަ ވަނުއާޓޫ، ޕާކިސްތާން، އޮމާން، ޓީއުނީޝިއާ، ޕެރޫ، ކޮސްޓަ ރިކާ، އަދި އޭނާގެ އުފަން ގައުމު އެމެރިކާ އެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ޕެކޯލް ކުރި ދަތުރުގައި 255 ފްލައިޓުގައި ދަތުރުކުރި އިރު 50 އަށް ވުރެ ގައުމުގައި ގަސް އިންދާފައިވެ އެވެ. އަދި ދަތުރުކުރުމުގައި އެންމެ ގޮންޖެހުން ބޮޑު ކަމަކާ ކުރިމަތިލީ ވިސާ ހޯދުމުގައި ކަމަށް ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޕެކޯލް ބުނެފައިވެ އެވެ.

ކެސެންދުރަ ޑި ޕެކޯލް ޕެކޯލް ރާއްޖޭގެ ސޮނެވާ ފުށީގައި ---

ދަތުރަށް ފަންޑު ކުރުމަށް ކުދިން ބަލައިގެން ޕެކޯލް އަށް ލިބުނު 10،000 ޑޮލަރު ހޭދަކުރި އިރު، ސްޕޮންސަރުން އަތުން 198،000 ޑޮލަރު ވަނީ ހޭދަވެފަ އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުންނަ އެކޯ ހޮޓެލްތަކަށް ޕްރޮމޯޝަނަލް އެއްޗެހި ލިޔެދީގެން ހިލޭ ހުރުން އޭނާ ވަނީ ހޯދާފަ އެވެ.

ކުރިއަށް އޮތް ތަނުގައި އެންޓާންޓިކާއަށް ދިއުމަށް ރާވަމުންދާ ޕެކޯލް ވަނީ އޭނާ ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރި ދަތުރުގައި ނެގި ވީޑިއޯތައް ހިމަނައިގެން ޑޮކިއުމެންޓަރީއެއް އުފައްދާ ވަރަށް އަވަހަށް ނެރެން ނިންމައިފަ އެވެ.

comment ކޮމެންޓް