ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ޝާޒްލީ އެ މަގާމުން ދުރުކުރުމަށް އެކްލަބުގެ މެނޭޖްމަންޓުން ނިންމައި އޭނާ އެ މަގާމުން ދުރުކުރި ދުވަހަކީ ދިވެހި ފުޓްބޯޅައިގައި ކަޅު ދުވަހެއްކަމަށް ކްލަބު އީގަލްސްގެ ކޯޗު އަދި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ކޯޗުންގެ ތެރެއިން އެއް ކޯޗު އިހްސާން އަބްދުލް ޤަނީ (ސާންތި) ސިފަކޮށްފިއެވެ.
އެފްއޭއެމް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސާންތި ބުނީ، އެކަހަލަ ކަމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން ފުޓްބޯޅަ ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ދިވެހި ކޯޗުންނަކީ ނިސްބަތުން މަދު ބައެއް ކަމަށާއި ހުރިހާ ކޯޗުންވެސް ގުޅިގެން މަސައްކަތް ނުކުރާނަމަ ދިވެހި ފުޓްބޯޅަ ކުރި ނާރާނެ ކަމަށް ވެސް ސާންތި ބުންޏެވެ.
ސާންތި ބުނީ، ވިކްޓްރީގެ ސްކޮޑް އެކުލަވާލައި ޕްރެކްޓިސްތައް ކުރިއަށްގެންގޮސް، މުބާރާތަށް ރަނގަޅު ޓީމެއް އެކުލަވާލިފަހުން އަދި ވާދަވެރި މެޗެއްވެސް ނުކުޅެނީސް އޭނާ އެ މަގާމުން ދުރުކުރި ދުވަހަކީ ދިވެހި ފުޓްބޯޅައިގައި އައި ކަޅުދުވަހެއް ކަމަށެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް އެގޮތަށް ކޯޗަކު ދުރުކޮށްފަ އެޓީމަކާ ހަވާލުވާން ބުންޏަސް ޔަގީން ހަވާލެއް ނުވާނަން. ހަމަ ޔަގީން މިބުނީ ހަވާލެއް ނުވާނަން. ބައްލަވާ ރާއްޖޭގައި މިތިބީ ވަރަށް މަދު ކޯޗުން ކޮޅެއް. އެމީހުންނާ މެދު މި ގޮތަށް ކަންތައް ކުރިމާ ކިހިނެއްތޯ ފުޓްބޯޅަ ކުރިއަރުވާނީ. ޝާޒްލީ އެގޮތަށް މަގާމުން ދުރުކުރީމަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އެދުވަހަކީ ފުޓްބޯޅައަށް ކަޅު ދުވަހެއް، " ސާންތި ބުންޏެވެ.
ވިކްޓަރީގެ ކޯޗުކަމުން ޝާޒް ދުރުކުރަން އެކުލަބުން ނިންމީ ޝާޒްއާ ހަވާލު ކޮށްފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރާތީ ކަމަށް ބުނެއެވެ. ޝާޒް ވިކްޓްރީގެ ކޯޗު ކަމުން ދުރުކުރިއިރު އެ ކުލަބުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ވިކްޓަރީގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ އަލީ ސުޒޭނެވެ.
އެ މަގާމަށް ސުޒޭން ހަމަޖެއްސުމާ ގުޅިގެން ޝާޒްވަނީ އޭނާއަށާއި ވިކްޓްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ޝާޒް ބުނީ ވަކި މީހަކަށް އިރުޝާދު ދޭނެ ޓިމެއް ނެތުމަކީ މަޤާމުގައި ހުރި މީހަކު މަގާމުން ދުރުކުރުމަށްފަހު އެ މީހަކަށް ފުރުސަތު ދޭންޖެހޭ ސަބަބެއް ނޫން ކަމަށާއި މިކަހަލަ ކަންތައްތަކުގެ ނޭދެވޭ އަސަރު ފުޓްބޯޅައަށް ކުރާނެ ކަމަށެވެ.
އަލީ ސުޒޭން ވިކްޓަރީގެ ހެޑް ކޯޗުކަމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އޭނާ މަގާމާ ހަވާލުވުމަށްފަހު މީޑީއާގައި ބުނެފައިވަނީ ޓީމާއެކު ކާމިޔާބީ ހޯދޭނެ ކަމަށާއި ދުވަސްތަކަކަށްފަހު ވިކްޓަރީއަށް އާދެވުނީތީ އުފާ ކުރާ ކަމަށެވެ.