ފިލްމު އެސޯސިއޭޝަންގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފި އެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) 'ސަން'އަށް މިއަދު ވިދާޅުވީ އެ އެސޯސިއޭޝަންގެ އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް ނިންމީ އެގްރެކެޓިވް ބޯޑުން ކަމަށެވެ.
އެގޮތުން އެޑްވައިޒަރީ ބޯޑަށް އައްޔަންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ އެޑްވައިޒަރީ ބޯޑުގެ ޒިންމާއަކީ އެކި ކަންކަމުގައި އެގެޒެކްޓިވް ބޯޑަށް ލަފާ ދިނުން ކަމަށެވެ.
ފިލްމު އެސޯސިއޭޝަން ކުރިއަރުވަން އެޑްވައިޒަރީ ބޯޑުން އެހީތެރިވެދޭނެ ކަމަށާއި އެކިކަންމުގައި އަމަލީ ގޮތުން ވެސް އެބޭފުޅުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ފުންނާބުއުސް އިޚްލާސްތެރި ބޭފުޅުންތަކެއް އެޑްވައިޒަރީ ބޯޑަށް އައްޔަންކޮށްފައި މިވަނީ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ފިލްމު އެސޯސިއޭޝަންގެ އެޑްވައިޒަރީ ބޯޑެއް އެކުލަވައިލި ފުރަތަމަ ފަހަރު،" މުހައްމާ ވިދާޅުވިއެވެ.
ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް އެޑްވައިޒަރީ ބޯޑަށް އައްޔަން ކުރުމުން އެ އެސޯސިއޭޝަންގެ މަސައްކަތްތަކުގައި ސަރުކާރާ މުއާމަލާތް ކުރަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ފިލްމު އެސޯސިއޭޝަންތަކާ ގުޅިގެން ރާއްޖޭގެ ފިލްމު އެސޯސިއޭޝަންގެ ކުރިއެރުމަށް އެޑްވައިރަޒީ ބޯޑުން މަސައްކަތް ކުރާނެ ކަމަށެވެ.