ވީއޭއެމްގެ ރައީސް އިތުރު ކޮމިޓީއެއް އުފައްދައިފި

ލަތީފް އުފެއްދި ޔޫތު ޑިވެލޮމްޑަމްޓް ކޮމިޝަންގެ ޗެއާމަނަކަށް އައްޔަންކުރި އަގުލީން: އޭނާ ވަނީ މިހާތަނަށް ދެ ކޮމިޝަނާއި، މަގާމެއް އުފައްދާފައި ---

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް އިތުރު ކޮމިޓީއެއް އުފައްދައިފިއެވެ.

ލަތީފް ވަނީ ޔޫތު ޑިވެލޮމްޑަމްޓް ކޮމިޝަންގެ ނަމުގައި ކޮމިޓީއެއް އުފައްދައި، ކޮމިޓީގެ ޗެއާމަނަށް ހަސަން އަގުލީން އައްޔަންކޮށްފައެވެ.

ލަތީފް ވިދާޅުވީ، އެ ކޮމިޝަން އުފައްދާފައިވަނީ ހިންގާ ގަވާއިދުން ރައީސަށް ލިބޭ ބާރުގެ ދަށުން ކަމަށާއި އެ ކޮމިޝަންގެ މަގްސަދަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށްގެންދިއުން ކަމަށެވެ.

ޔޫތު ޑިވެލޮޕްމަންޓް ކޮމިޝަންގެ ޗެއާމަނަކަށް ހަމަޖެއްސި އަގުލީންއަކީ ބައިނަލްއަގުވާމީ ވޮލީބޯލް ފެޑެރޭޝަންގެ ލެވެލް ދޭއްގެ ލައިސެންސެއް އޮންނަ ކޯޗެކެވެ. ޗެއާމަނަކަށް އަގުލީމް ހަމަޖެއްސުމާއެކު އެ ކޮމިޝަންގެ ފަރާތުން ހިންގާ ކޮމިޓީގައި ހިމެނޭނީ އޭނާއެވެ.

ލަތީފް ވަނީ ދާދި ފަހުން ބީޗް ވޮލީ ޑިވެލޮމަންޓް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދައިފައެވެ. އެ ކޮމިޝަން އުފެއްދިއިރު، މިހާރު ވެސް ވީއޭއެމްގައި ބީޗް ވޮލީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އޮވެއެވެ. ދެ ކޮމިޝަންގެ ނަމުގެ ތަފާތަކީ ފަހުން އުފެއްދި ކޮމިޝަންގައި "ޑިވެލޮޕްމަންޓް"ގެ ބަސް އިތުރުވުމެވެ. ރައީސަށް ލިބޭ ބާރުގެ ދަށުން ކަމަށް ވިދާޅުވެ، އުފެއްދި ބީޗް ވޮލީ ޑިވެލޮޕްމަންޓް ކޮމިޝަންގެ ޗެއާމަނަށް އައްޔަންކޮށްފައިވަނީ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި ކޯޗު އަބްދުﷲ ނަޝީދެވެ.

މުހައްމަދު ލަތީފް: އޭނާ ވަނީ މިހާތަނަށް ދެ ކޮމިޝަނާއި، މަގާމެއް އުފައްދާފައި -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ދެ ކޮމިޝަނެއް އުފެއްދުމުގެ އިތުރުން ލަތީފް ވަނީ ދާދިފަހުން ވީއޭއެމްގައި މަގާމެއް ވެސް އުފައްދައިފައެވެ. ރައީސަށް ލިބޭ ބާރުގެ ދަށުން ސީނިއާ ނައިބު ރައީސްކަމުގެ މަގާމު އުފައްދަވައި އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި މިހާރު ވެސް އެ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމު އަދާކުރައްވާ މުހައްމަދު ރަނޭޝްއެވެ.

އެ މަގާމަށް ރަނޭޝް އައްޔަންކުރިއިރު، އެ އެސޯސިއޭޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ބޭފުޅަކު ހުރެއެވެ. ވީއޭއެމްގެ ނައިބު ރައީސްގެ މަގާމަކީ އިންތިހާބުކުރާ ތިން މަގާމުގެ ތެރެއިން މަގާމެވެ. ނައިބު ރައީސްކަމުގެ މަގާމަށް މިދިޔަ އަހަރު ބޭއްވި އިންތިހާބުން ހޮވާފައިވަނީ އިއްޒަތު ވަހީދެވެ. ނަމަވެސް މިހާރު އުފެދުނު މަގާމަކީ ނަމުގެ ގޮތުން އިންތިހާބުކުރާ ނައިބު ރައީސްގެ މަގާމަށްވުރެ މަތީ މަގާމެކެވެ.

ސީނިއާ ނައިބު ރައީސްކަމުގެ މަގާމަށް ރަނޭޝް އައްޔަންކުރުމަށްފަހު ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ، ވީއޭއެމްގެ އޮނިގަނޑަށް ބަދަލު ގެންނަމުންދާ ކަމަށާއި ވީއޭއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެފަދަ ބަދަލުތައް މުހިންމު ކަމަށެވެ.

ދެ ކޮމިޝަނެއް އުފެއްދުމާއެކު މިހާރު ވީއޭއެމްގެ ހިންގާ ކޮމިޓީގައި ކޮމިޝަންތަކުން ޖުމްލަ ނުވަ މެންބަރުން ހިމެނޭނެއެވެ. އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު ބުނާގޮތުން ހިންގާ ކޮމިޓީއަށް ކޮމިޝަންތަކުން އަންނަން ޖެހޭނީ ހަތް ކޮމިޓީއެއްގެ ޗެއާމަނުންނެވެ.

ވީއޭއެމްގެ ކޮމިޓީތައް:

  • ކޯޗާސް ކޮމިޝަން
  • ރެފްރީސް ކޮމިޝަން
  • އެޕީލްސް ކޮމިޝަން
  • ޑިސިޕްލިނަރީ ކޮމިޝަން
  • ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން
  • ރޫލްސް ކޮމިޝަން
  • ބީޗް ވޮލީބޯލް ކޮމިޝަން
  • ބީޗް ވޮލީ ޑިވެލޮޕްމަންޓް ކޮމިޝަން (އަލަށް އުފެއްދި ކޮމިޝަނެއް)
  • ޔޫތު ޑިވެލޮޕްމަންޓް ކޮމިޝަން (އަލަށް އުފެއްދި ކޮމިޝަނެއް)

ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް ލަތީފް އިންތިޚާބުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެ ކްލަބުން މިމަހު ކުރީކޮޅު ވަނީ، ލަތީފް ކްލަބުގެ މެންބަރުކަމުން ވަކިކޮށްފައެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓަރީވެފައިވާ ކްލަބު، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފިނަމަ ނުވަތަ އިސްތިއުފާދީފިނަމަ ހިންގާ ކޮމިޓީގެ މަގާމު ގެއްލޭނެއެވެ.

comment ކޮމެންޓް