ދިވެހި އަޑުތަކުން ގުގުމާލުމަށް ސައުންޑްސް އޮފް މޯލްޑިވްސްގެ ޓީމް ސިންގަޕޫރަށް

ހަބޭސް ބޮޑުބެރުގެ ޓީމެއް އެއާޕޯޓްގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒުން މިމަހު ސިންގަޕޫރުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯއަށް ޓީމުތައް މިރޭ ފުރައިފި އެވެ.

މިއަހަރު ސައުންޑްސް އޮފް މޯލްޑިވްސް ދައްކާލަނީ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި މިމަހު 24 އިން 27 އަށް ބާއްވާ ޑައިވިން ރިސޯޓް ޓްރެވަލް އެކްސްޕޯ 2017 ނުވަތަ ޑީއާރުޓީ އެކްސްޕޯ 2017ގައެވެ. އެ ޝޯގައި ދިވެހީންގެ ހުނަރުތައް ދައްކާލުމަށް މިފަހަރު ފުރީ ގިޓަރިސްޓު ރިއްޓެ އާއި ޑީޖޭ އައްޔަގެ އިތުރުން ހަބޭސް ބޮޑުބެރާއި ގްރެވިޓީ ބައި ހަބޭސް އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ޓީމެއް އެއާޕޯޓްގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވެލާނާ އެއާޕޯޓުން ސިންގަޕޫރަށް ފުރުމުގެ ކުރިން ސައުންޑްސް އޮފް މޯލްޑިވްސްގައި އައިޓަމްތައް ހުށަހަޅައިދޭ ޓީމުތަކާ ސަންގެ ނޫސްވެރީން ބައްދަލުކުރިއެވެ.

ދާދިފަހުން މޯލްޑިވިއަން އައިޑަލް އިން ވިދާލި ފަންނާނު، މުއައްޒިނުގެ ވަރުގަދަ އަޑުން ލީޑްކުރާ ގްރެވިޓީ ބައި ހަބޭސްގެ ހުށަހެޅުންތަކާ ގުޅޭގޮތުން މުއައްޒިނު ބުނީ، ޝޯއަށް ހަބޭސް އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ޕްރެކްޓިސްކޮށް، އާ ލަވަތައް ހުށަހަޅައިދޭން ތައްޔާރަށް ތިބިކަމަށް އޭނާ ބުންޏެވެ.

"ވަރަށް ތަފާތުކޮށް މި ލަވަތައް އިވިގެންދާނީ. ސައުންޑްސް އޮފް މޯލްޑިވްސް ދޯ މި ކިޔަނީ، އެހެންވީމަ ހަމަ ދިވެހިވަންތަކޮށް ދިވެހި ހުށަހެޅުންތައް މި ޝޯގައި ވެސް ފެނިގެންދާނީ،" މުއައްޒިނު ބުންޏެވެ.

މުއައްޒިނު އެއާޕޯޓްގައި ހުރެ ސަން އާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަބޭސް ބޮޑުބެރުގެ ފަރާތުން އެ ގްރޫޕްގެ ލީޑިން ވޯކަލިސްޓް ތޮލާލް ބުނީ، ސަގާފީ ބޮޑުބެރުގެ އިތުރުން ޝޯގައި އިތުރު ސަގާފީ އައިޓަމްތައް ދައްކައިލާނެ ކަމަށެވެ. އެގޮތުން މާފަތި ނެށުމާއި ދަނޑިޖެހުން ފަދަ ހަރަކާތްތައް ޝޯގައި ދައްކައިލާނެ ކަމަށް ތޮލާލް ބުންޏެވެ.

މިއީ ގްރެވިޓީ ބައި ހަބޭސް އިން ރާއްޖޭން ބޭރުގައި ޝޯއެއްދޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ ޝުކުރު އޮތީ، ސިންގަޕޫރުގައި ޝޯއެއް ދިނުމުގެ ފުރުސަތު އެ ޓީމަށް ފަހިކޮށްދިން ހައިރައިޒް އަށެވެ. ހަބޭސް ބޮޑުބެރާއި ގްރެވިޓީ ބައި ހަބޭސް އިން ބުނީ އެ ފުރުސަތު ދިންކަމަށްޓަކައި ހައިރައިޒަށް ޝުކުރުއަދާކުރާ ކަމަށެވެ.

މަޝްހޫރު ގިޓަރިސްޓް، ރިއްޓެ ވެސް ބުނަނީ އޭނާ މިފަހަރު ސިންގަޕޫރުގައި ހުށަހަޅައިދޭ ހުށަހެޅުމަކީ ތަފާތު ހުށަހެޅުމަކަށްވާނެ ކަމަށެވެ. އެގޮތުން ޝޯއަކީ ކާމިޔާބު ޝޯއަކަށް ހަދައި، ދިވެހިންނަކީ ވެސް ހުނަރުވެރި ބައެއްކަން މި ޝޯއިން ދައްކައިދޭނެކަމުގެ ޔަގީންކަން ރިއްޓެ ދެއެވެ.

"ޔަގީންކަން އެބައޮތް މިއީ ކާމިޔާބު ޝޯއަކަށް ހަދާނެކަމުގެ. އެއީ ހުރިހާ ޓީމެއްވެސް މިތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ ޝޯއަށް. މި ފުރުސަތު ދިންކަމަށްޓަކާ ހަމަ ހުރިހާ އާޓިސްޓުންގެ ނަމުގައި ހައިރައިޒް އަށް ޝުކުރު އަދާކުރަން،" ރިއްޓެ ބުންޏެވެ.

ޑީޖޭ މިއުޒިކްގައި ރާއްޖޭގެ އެންމެ ނަގާކިޔާ ފަންނާނު، ޑީޖޭ އައްޔަ ވެސް ބުނަނީ ޝޯއަކީ ކާމިޔާބު ޝޯއަކަށް ހަދާނެ ކަމަށެވެ. އެގޮތުން ބޮޑުބެރާ އެކު އައްޔަގެ ތަފާތު ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ޑީޖޭ އައްޔަ އެއާޕޯޓްގައި ހުރެ ސަން އަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫށާ

ހައިރައިޒްގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ، އެ ހުރިހާ އާޓިސްޓުން ވެސް ޑީއާރުޓީ ޝޯގެ މައި ސްޓޭޖްގައި ހުނަރުތައް ދައްކާނެ ކަމަށެވެ.

ފެބްރުއަރީ 24 ވަނަރޭ 6:00 އިން 8:00 އަށް އަދި 11:00 އިން 12:00 އަށް ހަބޭސް ބޮޑުބެރު ފެންނާނެ އެވެ. އެދުވަހު އިރުއޮސްސި 6:00 އިން 8:00 އަށް ޑީޖޭ އަލީ ފެންނާނެ އެވެ. ފެބްރުއަރީ 25 ވަނަ ރޭ 11:00 އިން 12:00 އަށް ވެސް ހަބޭސް ފެންނާނެ އެވެ. 25 ވަނަ ދުވަހު ހަވީރު 16:50 އިން 18:40 އަށް ޕާފޯމްކުރާނީ ރިޝްވާން އިމޮން (ރިއްޓެ) އެވެ. އަދި 26 ވަނަ ދުވަހުގެ ހަވީރު ގްރެވިޓީ ބައި ހަބޭސް ފެންނާނެ އެވެ.

މިފަހަރު ސިންގަޕޫރުގައި ބާއްވާ ޝޯގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ. އެގޮތުން ސިންގަޕޫރުގައި ހިނގާ ހަރަކާތްތަކުގެ ހަބަރުތައް ސަންގެ ފަރާތުން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ.

comment ކޮމެންޓް