ރާއްޖޭގެ އެއްވެސް އަތޮޅެއް ވިއްކާލުމާ ބެހޭ އެއްވެސް މަޝްވަރާއެއް ސައުދީ އަރަބިއާ އާ އެކު ކޮށްފައިނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި ޝައިނީ ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
The evil plan of Pres. Maumoon & Pres. Nasheed is to destroy developing economy by creating doubt amongst potential investors n Maldivians.
— Mohamed Shainee (@mshainee) February 22, 2017
އެކަމާ ގުޅޭ އިތުރު ތަފްސީލު ސަން އަށް ދެއްވަމުން ޝައިނީ ވިދާޅުވީ ރާއްޖޭގެ އަތޮޅެއް އެއްވެސް ބަޔަކަށް ވިއްކުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި އެފަދަ މަޝްވަރާއެއްވެސް ނުހިނގާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަމުން ދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް އޮތް ތާއީދު ގެއްލުވާލަން ކަމަށާއި، އެކަމުން ދޭހަ ވަނީ އިދިކޮޅު ފަރާތްތައް ސަރުކާރާ މެދު ޖެހިލުވާކަން ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
މިދިޔަ މަހު ފަހުކޮޅު ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ސައުދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫއެއް ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެކަހަލަ މަޝްރޫއެއް މިހާތަނަށް ހެދިފައި ވަނީ ދުނިޔޭގެ ވެސް ތިނެއް ނުވަތަ ހަތަރު ދިމާލެއްގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ތަނަކީ އެކި ވައްތަރުގެ ސިނާއަތްތައް ގާއިމް ކުރެވިގެންދާނެ "ޓައުން ޝިޕެއް"ގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަ ކުރައްވާފަ އެވެ.
ސައުދީ ރަސްގެފާނު ޗުއްޓީއެއް ހޭދަކުރެއްވުމަށާއެކު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު، ރަސްގެފާނު ވަޑައިގަންނަވާ ވަކި ތާރީހެއް އަދި ނޭނގެއެވެ. ނަމަވެސް އެޑްވާންސް ޓީމު ރާއްޖޭގައި އެބަ ހަރަކާތްތެރިވެ އެވެ. އެމަނިކުފާނު ކުރައްވާ މިދަތުރުފުޅުގައި ފ. އަތޮޅު އެއްކޮށް ގަންނަން އުޅޭ ކަމަށް ބުނެ ރާއްޖޭގެ ބައެއް ޓޫރިޒަމް ނޫސްތަކުގައި ދަނީ ޚަބަރު ފަތުރަމުންނެވެ.
މިއީ ފ. އަތޮޅު އެއްކޮށް ވިއްކާލަން އުޅޭ ކަމަށް ބުނެ އެފަދަ މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ރާއްޖެއިން އަތޮޅެއް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިނިސްޓަރު ޝައިނީ ދޮގު ކުރެއްވި އިރު ސައުދީ އެމްބަސީގެ އޮފިޝަލަކުވެސް ވަނީ ފ. އަތޮޅު ގަންނަ އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަން ކަށަވަރުކޮށްދީފައެވެ.
ސުޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގާނޫނު ބުނާ ގޮތުން ރާއްޖޭގައި އިންވެސްޓެއް އެންމެ ދިގު މުއްދަތަކަށް ވެސް ކުރެވޭނީ 99 އަހަރަށެވެ. ނަމަވެސް އެއީ އެންމެ ދަށްކޮށް ވެސް 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކޮށްގެންނެވެ.
އަދި ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މިސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.