ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް: ފީނަން ފޭބި ބިދޭސީއެއްގެ ހަބަރެއް ނުވެގެން ވަނީ ހޯދަން ފަށާފައި.

ލ. ކައްދޫ ކައިރީ އޮތް ސަފާރީ އަކުން ފީނަން ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ސަފާރީ އޮތީ އެ ރަށު ހުޅަނގު އުތުރުގައި، ފަސް ނޯޓިކަން މޭލު ބޭރުގައި ކަމަށެވެ.

އޭނާ ފީނަން ފޭބީ މިއަދު މެންދުރު ފަހު 14:30 ހާއިރު ކަމަށާއި އެ ސަފާރީ އުޅަނދުގައި އޭނާއާ އެކު ހަ މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސަފާރީ އޮތްތަން ކަމަށް ބެލެވޭ ސަރަހައްދު

އެމްއެންޑީއެފުން ބުނީ އެ ފަތުރުވެރިޔާ، ''ފްރީ ޑައިވިން''އަށް ފޭބިއިރު ލައިގެން ހުރީ ހުދުކުލައިގެ ރޭސްގާޑެއް (ޑައިވް ޓީޝާޓެއް) ކަމަށެވެ. އަދި ހުދުކުލައިގެ މާސްކެއް އަޅާފައިވާއިރު، އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށް ކަމަށެވެ.

ހޯދަމުންދާ ފަތުރުވެރިޔަކީ އިސްކޮޅުގައި ފަސްފޫޓް ހަތްއިންޗި ހުރި 23 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ފަސްވަރަކަށް ދުވަސް ކުރިން އއ. ހުރުއެޅި ކައިރިން ހުއިފިލަނޑާ ނަގަން ފޭބި ޒުވާނެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. ޖައިލަމް ނަމަކަށް ކިޔާ އެ ޒުވާނާ ހޯދަން 1000 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް