ރާއްޖެއަށް އަންނަމުން މިދާ ތަރައްގީގެ އަސްލަކީ އަމިއްލަ ފަރާތްތަކާ އެކު ސަރުކާރުން މަސައްކަތްކުރުން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޗަމްޕާ އާއިލާއިން ހިންގާ މީރު އައިލަންޑް ރިސޯޓް އެންޑް ސުޕާގެ ފަރާތުން، ކ. ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ދިއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަފީފް ވިދާޅުވީ، އެ ފައުންޑޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
އަދި ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އަމިއްލަ ފަރާތްތަކާއި ސަރުކާރުން އެކުގައި މަސައްކަތް ނުކޮށްފި ނަމަ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
"ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެ މިސްރާބަކަށް ދަތުރުކުރާ ނަމަ ކުރިއެރުމެއް ނުލިބޭނެ. މިތަނުގައި ކޮންމެ ސަރުކާރެއް އޮތްނަމަވެސް އެކުގައި މަސައްކަތް ނުކުރާ ނަމަ ކުރިއެރުމެއް ނާންނާނެ،" ރައީސް ޔާމީންގެ ސަރުކާރަށް ޝުކުރުއަދާކުރައްވަމުން އަފީފް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ތައުރީފް ކުރައްވައި ވާހަކަފުޅުދައްކަވަމުން އަފީފް ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިޞާދީ ސިޔާސަތާއެކީ ރާއްޖެ ކުރިއަށްދާނެ ކަމާމެދު ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެއިން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
އެ ފައުންޑޭޝަނުންގެ ފަރާތުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތައް ދަނީ އަޅައިދެމުންނެވެ.
އެގޮތުން މިހާރު ވެސް އެ ފައުންޑޭޝަންގެ ފަރާތުން ތިން މިސްކިތެއް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާ އިރު، އިތުރު ހަތަރު މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.