އާބާދީގައި ގާތްގަނޑަކަށް 1300 މީހުން ދިރިއުޅޭ ކ. ދިއްފުށީގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
އެ ދެ ހިދުމަތް އެރަށުގައި އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދިއްފުށީގައި ފައްޓަވައިދެއްވި އެ މަޝްރޫއުގެ މަސައްކަތް ކުރީ އަލްޓެކް މޯލްޑިވްސްގެ ފަރާތުންނެވެ.
ދިއްފުށީގައި ގާއިމު ކުރެވިގެން ދިޔަ އެ މަޝްރޫއުއަކީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ނުވަވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްފުށީ ފެނާއި ނަރުދަމާގެ ނިޒާމް ފައްޓަވައިދެއްވަނީ... ފޮޓޯ ރައީސް އޮފީސް
ފެނާއި ނަރުދަމާގެ މަޝްރޫއު ދިއްފުށީގައި އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށެވެ. އަދި އަންނަ އަހަރު 72 ރަށެއްގައި ނަރުދަމާ، އަދި 56 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 102 މިލިޔަން ޑޮލަރު ހިމަނާފައި ވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ތިން އަހަރު ނިމޭ އިރު ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުން ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ ވެރިކަމުގެ ތިން އަހަރު ނިމޭއިރު ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ މި ކަންތައްތައް ކުރެވިގެން ދާނެ،"

ފެނާއި ނަރުދަމާގެ މަޝްރޫއު ދިއްފުށީގައި އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ... ފޮޓޯ/ ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފައުންޑަ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ހުސައިން އަފީފު ވިދާޅުވީ، ދިއްފުށީގައި ނަރުދަމާ ނިޒާމު ގާއިމުވުމަކީ އެ ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މި ރަށުގައި ތަރައްގީކޮށްފައިވާ 11 ގެސްޓް ހައުސް 22 އަށް ބަދަލުވެގެން ދިއުން. އަދި އެއަށް ވުރެ ވެސް ބޮޑަށް ތަރައްގީ ވެގެންދިއުން،" އަފީފު ވިދާޅުވިއެވެ.
މިއަދު ދިއްފުށީގައި ފެށިގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިން ކުރެވިފައިވަނީ 2،600 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެންނެވެ.