ޗަމްޕާ އާއިލާއިން ދިއްފުށީގައި ގާއިމްކޮށްދޭ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލަންޑް ރިސޯޓުން ދިއްފުށީގައި ގާއިމްކޮށްދޭ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޗަމްޕާ އާއިލާއިން ހިންގާ މީރު އައިލަންޑް ރިސޯޓް އެންޑް ސްޕާގެ ފަރާތުން، ކ. ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އަލްޓެކް މޯލްޑިވްސްއާ އެކު މީރު އައިލެންޑް ރިސޯޓާއި އަލިފުޅު ތުއްތު ފައުންޑޭޝަނުން ވަނީ ސޮއިކޮށްފަ އެވެ.

ރަސްމިއްޔާތުގައި އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެއް ބާނީ ޗަމްޕާ ހުސެއިން އަފީފްގެ އިތުރުން އެ އާއިލާގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލަންޑް ރިސޯޓުން ދިއްފުށީގައި ގާއިމްކޮށްދޭ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އަމިއްލައަށް ޑިޒައިންކޮށް ދިއްފުށީގައި ގާއިމްކުރަން ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއަށް ހަތަރު މިލިއަން ޑޮލަރު (62 މިލިއަން ދިވެހި ރުފިޔާ) ހަރަދުވާ އިރު، މިއީ އެ ފައުންޑޭޝަނުން މިއަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭ ދެވަނަ ރަށެވެ.

ގާތްގަނޑަކަށް 1300 މީހުންގެ އާބާދީއެއް އޮންނަ ދިއްފުށީގައި މިހާރު ގާއިމް ވެފައި އޮންނަނީ ރަށު ރައްޔިތުން އަމިއްލަ އަށް، ކޮންމެ ގެއަކުން އަމިއްލައަށް ހޮޅި އަޅައިގެން ގާއިމްކޮށްފައި އޮންނަ ނަރުދަމާގެ ނިޒާމެކެވެ.

ނަމަވެސް އަލަށް ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމްގެ ތެރެއިން 8920 މީޓަރުގެ ފެންހޮޅި އަޅައި، ރަށުގެ 335 ތަނެއް ހިމެނޭ ގޮތަށް، މިހާރު މީހުން ދިރިއުޅެމުންދާ ތަންތަނާއި އާބާދު ކުރަން ހަމަޖެހިފައިވާ ތަންތަން ގުޅާ ލެވިގެންދާނެ އެވެ.

އޭގެ އިތުރުން ފެނުގެ ނިޒާމްގެ ތެރެއިން 400 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބަހައްޓައި ދެ ޕަމްޕު ހަރުކޮށް ޕްރީ ފިލްޓަރޭޝަން ސިސްޓަމެއް ބަހައްޓަން ހަމަޖެހިފައިވާ އިރު، 60 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި ޕެނަލް ބޯޑްތައް ބަހައްޓާނެ އެވެ.

އަދި ރަށުގެ ބަނދަރު ސަރަހައްދުގައި ފެން ލިބޭނެ ގޮތަށް ވޯޓާ ކިއޮސްކެއް އިމާރާތް ކުރުމަށް ރޭވިފައިވާ އިރު، ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި 90 ކިލޯވޮޓް ބެކަޕް ޖަނަރޭޓަރެއް ވެސް މަޝްރޫއުގެ ދަށުން ބެހެއްޓޭނެއެވެ.

އަލްޓެކް މޯލްޑިވްސް އިން ބުނީ، މަޝްރޫއުގެ ލޭންޑް ސާވޭގެ އެންމެހާ މަސައްކަތްތަކާއި އީއައިއޭ ރިޕޯޓާއި ޑީޓެއިލް ޑިޒައިން ރިޕޯޓާއި ޑީޓައިލް ޑްރޯވިންގްސް ހަދައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފާސްކޮށް ނިމިފައިވާ ކަމަށެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށެއްގައި ފުރަތަމަ ފަހަރަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރީ ހއ. ތުރާކުނުގަ އެވެ. އެ މަޝްރޫއަށް ފައުންޑޭޝަންގެ ފަރާތުން މުޅިއެކު 39 މިލިއަން ރުފިޔާ ހަރަދުކުރި އިރު، މަސައްކަތް ނިންމައި ހިންގުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލަންޑް ރިސޯޓުން ދިއްފުށީގައި ގާއިމްކޮށްދޭ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެއިން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

އެ ފައުންޑޭޝަނުންގެ ފަރާތުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތައް ދަނީ އަޅައިދެމުންނެވެ.

އެގޮތުން މިހާރު ވެސް އެ ފައުންޑޭޝަންގެ ފަރާތުން ތިން މިސްކިތެއް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާއިރު، އިތުރު ހަތަރު މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް