940،000 ޑޮލަރުގެ ޕީސީއާރު މެޝިނެއް އަލިފުޅު ތުއްތު ފައުންޑޭޝަނުން އައިޖީއެމްއެޗަށް ހަދިޔާކޮށްފި

ޕީސީއާރު މެޝިނެއް އައިޖީއެމްއެޗަށް މިއަދު ހަވާލު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އޭއެފްޓީ

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އަލިފުޅު ތުއްތު ފައުންޑޭޝަނުން 940،000 ޑޮލަރު (14.49 މިލިއަން ރުފިޔާ)ގެ ޕީސީއާރު މެޝިނެއް އައިޖީއެމްއެޗަށް ހަވާލުކޮށް އިންސްޓޯލްކޮށްދީފި އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މެޝިނާ އެކު، ކޮވިޑް19 އިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އޭއެފްޓީ އިން މިއަދު އައިޖީއެމްއެޗަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، ޕީސީއާރު ސިސްޓަމަކާއި އެކްސްޓްރެކްޝަން މެޝިނަކާއި ވައިރަލް ޑީއެންއޭ/ އާރުއެންއޭ ކިޓްސް އާއި ޕީސީއާރު ލެބޯޓްރީ ސެޓަޕް އެވެ.

މެޝިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އޭފްޓީ

ޕީސީއާރު މެޝިނަކީ ފަސޭހަކަމާ އެކު ޑީއެންއޭ ނުވަތަ ޑީއެންއޭގެ ބައެއް ޑުޕްލިކޭޓްކުރަން ބޭނުންކުރާ މެޝިނެކެވެ. ކުޑަ ސާމްޕަލަކުން ގިނަ ޑުޕްލިކޭޓްތަކެއް އެ މެޝިނުން ހެދެ އެވެ. އަދި މިއީ ހޮސްޕިޓަލްތަކުގެ މެޑިކަލް ލެބްތަކުގަ އާއި ރިސާޗް ލެބުތަކުގައި އާންމުކޮށް ބޭނުންކުރާ ބާވަތުގެ މެޝިނެކެވެ.

އޭއެފްޓީ އިން ހަދިޔާ ކުރި އެހީގެ އައިޖީއެމްއެޗުން ވަނީ އެ ފައުންޑޭޝަނަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ފައުންޑޭޝަނުން ބުނީ ކޮވިޑް19ގެ މަދު ކޭސްތަކެއް މި އަހަރުގެ މާޗު މަހު ރާއްޖެ އިން ފެނުމާ އެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ޓެސްޓު ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް، ސަރުކާރުގެ ފަރާތުން އެ ފައުންޑޭޝަންގައި އެދުނު ކަމަށެވެ. އަދި މިއަދު ހަދިޔާ ކުރި އިކްވްޕްމަންޓަކީ އެއާ އެކު ވެދެއްވި އެހީއެއް ކަމަށެވެ. އަދި ބުނީ މިދިޔަ އަހަރުގެ ފަހުކޮޅު އިރުމަތީ އޭޝިޔާގައި ފެތުރެން ފެށި، ކޮވިޑް ރޯގާ ޕެންޑަމިކަކަށް ބަދަލުވެ، މުޅި ދުނިޔެ އަށް ފެތުރި، އަދި ރާއްޖެ އަށް ވެސް އެ ރޯގާ އައިސް އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

މެޝިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އޭފްޓީ

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަރުހޫމް މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ހަނދާނުގައި ހައިރާތު ކުރުމަށް އޭނާގެ ކާފަ ދަރިފުޅު ކާރިން އަފީފުގެ އިސްނެގުމުގެ މަތީން އުފެއްދި ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން ވަނީ ދިވެހި ދަަރިވަރުން ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރަށް ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތައް ވެސް ބިނާކޮށްދީފަ އެވެ.

comment ކޮމެންޓް