ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒުން މި މަހު ސިންގަޕޫރުގައި ބާއްވާ ޝޯގެ މީޑިއާ ޕާޓްނަރަކަށް "ސަން" ހަމަޖައްސައިފި އެވެ.
އެކަމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ހައިރައިޒާއި ސަން މީޑިއާ ގްރޫޕް ސޮއިކޮށްފައެވެ. ސަން މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން އެވެ. ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އަލީ އަމީރު އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް، ރާއްޖޭގެ ހަތަރު މިއުޒިކީ ބޭންޑާ އެކު ސިންގަޕޫރުގައި ބާއްވަން ހައިރައިޒުން ވަނީ ނިންމާފައެވެ. މިއަހަރު ސައުންޑްސް އޮފް މޯލްޑިވްސް ދައްކާލަނީ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި މިމަހު 24 އިން 27 އަށް ބާއްވާ ޑައިވިން ރިސޯޓް ޓްރެވަލް އެކްސްޕޯ 2017 ނުވަތަ ޑީއާރުޓީ އެކްސްޕޯ 2017ގައެވެ.
އެ ޝޯތަކުގައި ރާއްޖޭގެ މަޝްހޫރު ޒުވާން ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގްރޫޕާއި ގްރެވިޓީ ބައި ހަބޭސް އާއި ޑީޖޭ އައްޔަ އަދި ރިޝްވާން އިމޮން (ރިއްޓެ) ގެ ހުނަރުތައް ދައްކައިލާނެ އެވެ.
ފެބްރުއަރީ 24 ވަނަރޭ 6:00 އިން 8:00 އަށް އަދި 11:00 އިން 12:00 އަށް ހަބޭސް ބޮޑުބެރު ފެންނާނެ އެވެ. އެދުވަހު އިރުއޮސްސި 6:00 އިން 8:00 އަށް ޑީޖޭ އަލީ ފެންނާނެ އެވެ. ފެބްރުއަރީ 25 ވަނަ ރޭ 11:00 އިން 12:00 އަށް ވެސް ހަބޭސް ފެންނާނެ އެވެ. 25 ވަނަ ދުވަހު ހަވީރު 16:50 އިން 18:40 އަށް ޕާފޯމްކުރާނީ ރިޝްވާން އިމޮން (ރިއްޓެ) އެވެ. އަދި 26 ވަނަ ދުވަހުގެ ހަވީރު ގްރެވިޓީ ބައި ހަބޭސް ފެންނާނެ އެވެ.
މިއަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސް ޝޯގެ މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސުމަށްފަހު ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، ހައިރައިޒުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސް ޝޯގައި ސަން މީޑިއާ އިން ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެގޮތުން މީގެ ކުރިންވެސް އެ ކުންފުނީގެ އިވެންޓްތަކާއި އެކިއެކި ހަރަކާތްތަކާ ގުޅިގެން ސަން އިން ގެނެސްދީފައިވާ ކަވަރޭޖާ މެދު އެ ކުންފުނިން ހިތްހަމަޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަން މީޑިއާގެ މާކެޓިން މެނޭޖަރު އަލީ އަމީރު ވިދާޅުވީ، ހައިރައިޒްގެ ސައުންޑްސް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ވެސް ބޮޑު ރޯލެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން އޭގައި ސަންގެ ބައިވެރިވުމެއް އޮތުމަކީ ސަންގެ ފަރާތުން ގައުމަށް ކޮށްދެވޭ ހިދުމަތެއްކަމުގައި ދެކޭކަމަށް އަމީރު ވިދާޅުވި އެވެ.
ޑީއާރުޓީއިން އަހަރެއްގެ ތެރޭގައި ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ހަތް އެކްސްޕޯއެއް އެކި ގައުމުތަކުގައި ބާއްވަމުންދެއެވެ. އަދި އެ އެކްސްޕޯތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތަކުގެ ބައިވެރިވުމާއެކު ކޮންމެ އިވެންޓެއްގައި 150 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.