އެސްއޯއެފުން 10.7 މިލިއަން ޑޮލަރު ހޯދަން ދައުވާކުރި މައްސަލަ މާދަމާ އަލުން ފަށަނީ

ޖަސްޓިސް ބިލްޑިގ --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން 10.7 މިލިއަން ޑޮލަރު (165 މިލިއަން ރުފިޔާ) ހޯދުމަށް އެމްއެމްޕީއާރްސީން ދައުވާކުރި މައްސަލައިގެ އަޑުއެހުންތައް އަލުން މާދަމާ ސިވިލް ކޯޓުގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެމްޕީއާރްސީން ހާޒިރުނުވި ކަމަށް ބުނެ މި މަހުގެ ހަ ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ މައްސަލަ ބާތިލްކޮށްފައެވެ. ނަމަވެސް އެމްއެމްޕީއާރްސީން ބުނީ އެ ކުންފުންޏަށް ކޯޓަށް ހާޒިރުވާން ޗިޓް ލިބިފައިނުވާ ކަމަށާއި ފަހުން ބެލިއިރު ޗިޓް ފޮނުވާފައި ވަނީ އެހެންތަނަކަށް ކަމަށެވެ.

މައްސަލަ ބާތިލްކުރުމުން އެމްއެމްޕީއާރްސީން އަލުން މައްސަލަ ހުށަހެޅީއެވެ.

އެމްއެމްޕީއާރްސީން ދައުވާ ކުރީ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުންޏަށް އެސްއޯއެފް އިން ދޭންޖެހޭ 10.7 މިލިއަން ޑޮލަރު ދިނުމަށް އިންކާރުކޮށްފައިވާތީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ފައިސާ އަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިން އެސްއޯއެފް އަށް ދިން ކަމަށް ލިޔެކިޔުމުން އެނގެން ހުރި ފައިސާ އެކަނި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ މައި ހިއްސާދާރު، މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ.

comment ކޮމެންޓް