އެމްއެމްޕީއާރުސީގެ ޑީއެމްޑީއެއް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

އެމްއެމްޕީއާރުސީ އޮފީސް -- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް އެ ކުންފުނީގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި ދައުރުވާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށެވެ.

ނަމަވެސް، ކުންފުނީގެ މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީއަށް އެ މައުލޫމާތު ހިއްސާކޮށްފައި ވާނެކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

"ޖިންސީ ގޯނާގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށާއި، މިފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާމެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ތުހުމަތުތަކަށް ބަލާއިރު، މި މުވައްޒަފު ވަނީ ތިން މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައެވެ. މި ޖިންސީ ގޯނާތައް ކޮށްފައި ވަނީ ދާދިފަހުން ބޭއްވި އައިޓީބީ ބާލިން ފެއާގައި ކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ.

comment ކޮމެންޓް