އެފްއެންބީ ޝޯގައި ޔޫރޯ ސްޓޯރާއި ބްރިޖް އަދި ބެރީ ކުންފުނިން ބައިވެރިވަނީ

ހައިރައިޒް އެފްއެންބީ ޝޯ 2016 ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ހައިރައިޒްއިން އިންތިޒާމުކޮށްގެން އަންނަ މެއި މަހު ބާއްވަން ހަމަޖައްސާފައިވާ ފުޑް އެންޑް ބެވަރޭޖެސް ޝޯގައި ޔޫރޯ ސްޓޯރާއި ބްރިޖް އިމްޕޯޓް އެންޑް ޓްރޭޑުގެ އިތުރުން ދަ ބެރީ ކުންފުނިން ބައިވެރިވެއްޖެ އެވެ.

ހައިރައިޒްގެ އޮޕަރޭޝަންސް މެނޭޖަރު ނައްވާފު ރަޝީދު "ސަން" އަށް ވިދާޅުވީ އެފްއެންބީ ޝޯގައި އެ ތިން ކުންފުނިން ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި ޝޯގައި ބައިވެރިވާނެ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނައްވާފު ވިދާޅުވި ގޮތުގައި އެ އިވެންޓުގެ ތެރެއިން ރޯދަމަހަށް ޚާއްސަ ޕްރޮޑަކްޓްތަކެއް ލޯންޗު ކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ޝޯ ވެގެން ދާނީ ރޯދަމަހުގެ ކުރިން ރާއްޖޭގައި ބޭއްވޭ އެފަދަ އެންމެ ބޮޑު ޝޯ އެވެ.

ފުޑް އެންޑް ބެވަރޭޖްސް ޝޯ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މެއި މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ނެޝަނަލް އާޓްގެލަރީގަ އެވެ. މިފަހަރުގެ ޝޯއަކީ ރާއްޖޭގައި ބާއްވާ ފުޑް އެންޑް ބެވަރޭޖްސް ޝޯގެ ދެވަނަ ޝޯއެވެ.

އެފްއެންޑްބީ ޝޯގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ލޮޓަސް ފިހާރައާއި އޮންދިގޯ ވަނީ ހަމަޖައްސާފައިވާއިރު، ހައިރައިޒްގެ ފައުންޑަރު އަދި ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ އެ ޝޯގައި މިއަހަރު 30 އާއި ގާތްކުރާ އަދަދަކަށް، ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި އުޅޭ ފަރާތްތައް ބައިވެރިވާނެ ކަމަށެވެ.

"ރާއްޖޭގައި ބާއްވާ ރިސޯޓް ހޮޓެލްސް ޝޯތަކާ މި އިވެންޓް ހަމަ މުޅިން ތަފާތުވާނެ. މި ޝޯގައި ފެންނާނީ ހަމައެކަނި ފުޑް އެންޑް ބެވަރޭޖްސްގައި ހަރަކާތްތެރިވާ ފަރާތްތައް. މީގައި ފެންނާނީ ވެސް ހަމައެކަނި އެބޭފުޅުންގެ ތަފާތު ޕްރޮޑަކްޓްތައް،" އިސްމާއިލް ވިދާޅުވިއެވެ.

comment ކޮމެންޓް