އެއީ މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. މިހާރެކޭ އެއްގޮތަށް ރާއްޖޭގައި މާގިނަ އިވެންޓުތަކެއް ބޭއްވި ޒަމާނެއް ނޫނެވެ. ނަމަވެސް، އިސްމާއީލް ހަމީދް (ހައިރައިޒް އިއްސެ) އުޅުނީ އޭރު ބޭއްވި މަދު އިވެންޓުތަކެއް މެނޭޖު ކުރުމުގައެވެ. އެ މަސައްކަތް ރާއްޖޭގައި ފުޅާ ކުރުމުގަވެ.
އޭނާ ބޭނުންވީ ހަމަ އެންމެ ކަމެކެވެ. އެއީ، ހިތުގައި ކަންކަން ޕްރޮމޯޓު ކުރުމާއި އިވެންޓުތައް މެނޭޖު ކުރުމަށް އޮތް ލޯބި އިތުރު ހަރުފަތަކަށް ގެންދިއުމެވެ.
މި މަސައްކަތް ފުޅާވަމުން ގޮސް 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހު "ހައިރައިޒް"ގެ ނަމުގައި ކުންފުންޏެއް ހަދައި ރަޖިސްޓްރީ ކުރިއެވެ. އަދި، ރަސްމީކޮށް ބޮޑެތި އިވެންޓްތަކުގެ މަސައްކަތް ފަށައިގަތެވެ. މިފަދަ އިވެންޓުތައް ބޭއްވުން އެ ދުވަސްވަރު އާންމު ނުވުމުން އެ ކުންފުނި ކޮޅަށް ތެދުވެ، ހިންދެމިލުމަށް ދަތިތަކެއް ކުރިމަތި ވިއެވެ.
"އޭރަކު ނުހުރޭ މާ ބައިވަރު އިވެންޓުތައް ބާއްވާނެ ގޮތްގޮތާއި ތަންތަނެއް ވެސް. މަޑުމަޑުން އިވެންޗުއަލީ މިހާރު މި އޮތީ ގްރޯވެފައި. ރާއްޖޭގައި އެކަންޏެއް ނޫން އަޅުގަނޑުމެން މިހާރު އިވެންޓުތައް ބާއްވަނީ، ރާއްޖެއިން ބޭރުގައި ވެސް އަޅުގަނޑުމެން މިހާރު އިވެންޓުތައް ބާއްވަން،" އިއްސެ ކިޔައިދިނެއެވެ.
އޭރު އަހަރެއްގެ މައްޗަށް އެ ކުންފުނިން ބާއްވަނީ ސަރުކާރުން ބާއްވާ ކާނިވާތައް ފަދަ ބޮޑު ދެތިން އިވެންޓެކެވެ. ނަމަވެސް މިހާރު ހައިރައިޒުން އަހަރެއްގެ މައްޗަށް ވިއްސަކަށް ބޮޑު އިވެންޓު ބާއްވައެވެ.
އޭރު އިވެންޓުތަކުގައި މައިގަނޑު ގޮތެއްގައި ކޮށް އުޅުނު ކަންކަމަކީ ވެސް އެއްޗެއް ޕްރިންޓުކޮށްލައި، ޑިޒައިން ކުރުމެވެ. ނަމަވެސް އިވެންޓުތައް ބާއްވާ ގޮތް މިހާރު މުޅިން ބަދަލުވެ، އެ އިވެންޓުތަކުގެ މަސައްކަތް ހައިރައިޒުން އަހަރެއް ކުރިން ފަށައެވެ. އެގޮތުން އަންނަ އަހަރު ބާއްވާ އިވެންޓުތަކުގެ މޮޑެލް ޑިވެލޮޕްކޮށް، ޕްލޭންކޮށް، ސްލޯޕްލޭން އެކުލަވައިލުމުގެ މަސައްކަތް ހައިރައިޒުން މި އަހަރު ފަށައެވެ.
މިފަދަ ބޮޑު ކުރިއެރުމެއް ކުންފުންޏަށް ލިބުނީ، އިއްސެ ސިފަކުރާ ގޮތުގައި ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ އެކު މަސައްކަތް ކުރާ ޓީމުތަކުގެ ސަބަބުންނެވެ.
"މި ކަމަކީ އަސްލު ވަރަށް ކުރާހިތުން ޕެޝަނޭޓުކޮށް ނުކޮށްފިއްޔާ ނުވާނެ ކަމެއް. އެހެންވީމަ އެއިރެއްގަ އެ އުޅޭ ޓީމް މެމްބަރުންގެ ޑެޑިކޭޝަނަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑު ކައިރީ މަސައްކަތް ކުރާ ކުދިން ވަރަށް ގިނަ ދުވަސް ވެއްޖެ މިހާރު މަސައްކަތް ކުރާތާ، އެ މީހުން ކުންފުނި ދެކެ ވަރަށް ލޯބިވޭ،" އިއްސެ ވިދާޅުވިއެވެ.
ހައިރައިޒްގެ ފާހަގަކޮށްލެވޭ ސިގްނޭޗާ މަސައްކަތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:
- ލިވިން އެކްސްޕޯ
- އެފްއެންބީ ޝޯ
- ވެކޭޝަންސް އެކްސްޕޯ
- ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)
މެގެޒިންތަކުގެ ތެރޭގައި:
- ފްލޯޓިން އޭޝިއާ ފޯ ބޯޓިން އިންޑަސްޓްރީ
- ދި އައިލެންޑް ޗީފް
ހައިރައިޒް އިއްސެ ފާހަގަ ކުރާ ގޮތުގައި މިހާރު ވެސް ރާއްޖޭގައި އިވެންޓުތައް ބާއްވަން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި އިވެންޓުތައް ބާއްވާނެ ރަނގަޅު ތަނެއް ނެތުމެވެ.
ނަމަވެސް، އިއްސެ ވިދާޅުވީ ހައިރައިޒުން އަބަދު ވެސް މަސައްކަތް ކުރަނީ އެއް އިވެންޓަށް ވުރެ އަނެއް އިވެންޓެއް ރަނގަޅު ކުރުމަށް ކަމަށެވެ.
"އާ ބްރޭންޑެއް ނުނެރުނަސް ހުރި ބަރޭންޑްތައް އެންހޭންސް ކުރެވޭތޯ މަސައްކަތް ކުރަނީ،" 15 އަހަރުތެރޭ މި ކުންފުނިން މުޅި ދުނިޔޭގެ އިތުބާރު ހޯދީ ވެސް އެފަދައިންނެވެ.
އިވެންޓުތައް މާގިނައިން ރާއްޖޭގައި ނުބާއްވާ ޒަމާނެއްގައި ކުންފުންޏެއް އުފައްދައިގެން އިއްސެގެ މަސައްކަތް އޭނާ ފަށައިގަތީ މި މަސައްކަތް އެންމެ ރަނގަޅަށް "ޕާފެކްޓްކޮށް" ކުރުމުގެ ނިޔަތަކު ނޫނެވެ. މި މަސައްކަތް އޭނާ ފެށީ ރަނގަޅު ކަމެއް ކުރަން ގޯސް ވަގުތެއް ނޯންނާނޭކަމަށް އޭނާ ގަބޫލުކުރާ ގަބޫލުކުރުމުގެ މައްޗަށް ބިނާކޮށެވެ. އެކަން މިއަދު އިއްސެ އެވަނީ އެންމެނަށް ސާބިތުކޮށްދީފައެވެ.
"ފެއްޓުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ކުރި ކަމަކީ ފެއްޓީ. ފެއްޓީމަ ކަންކަން ދަސްވެ ރަނގަޅުކުރަންވާ ކަންކަން ފެނުން. އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ މީހުން މަޑު ކުރޭހެން އެންމެ ރަނގަޅަށް ކުރަން އެންމެ މޮޅަށް ކުރަން،" އިއްސެ ވިދާޅުވިއެވެ.
އިއްސެއަށް އޭރު ވެސް މިހާރު ވެސް އެންމެ މުހިންމީ ވަގުތެވެ. މަޑުކުރުން ވީ އޭނާއަށް ވަރަށް އަގުބޮޑު ކަމަކަށެވެ.