37 ކުންފުންޏަކާއެކު މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށް

ލިވިން އެކްސްޕޯ 2023-- ސަން ޕޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ގޯތިގެދޮރު ގަތުމާ ގުޅޭ ގިނަ ޚިދުމަތްތަކެއް ހިމެނޭހެން، މިއަހަރުގެ ލިވިން އެކްސްޕޯ ފެށިގެން ކުރިއަށް އެބަދެއެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯ ފައްޓަވައިދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އާތިފެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ހަރަކާތް މިއަދު ނިމޭނެއެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ، މެންދުރުފަހު ތިނަކުން ފަހަކަށް އަދި ރޭގަނޑު އަށަކުން 11އަށެވެ.

މި އެކްސްޕޯގައި 37 ކުންފުންޏެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓް ކުންފުނިތަކާއި، ބޭންކުތަކާއި އިންޝޫރެންސް ކުންފުނިތަކުގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި، ވިއްކުމުގެ ވިޔަފާރީގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ވިޔަފާރިތައް ހިމެނެއެވެ.

ލިވިން އެކްސްޕޯ 2023-- ސަން ޕޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މި އެކްސްޕޯގެ ހަރަކާތްތަކުގެ ތެރެއިންވަނީ އާބަންކޯގެ މުހިންމު ދެ ޚިދުމަތެއް ތައާރަފުކޮށްފައެވެ. އެއީ ސްމާޓްކޮމް: ސްމާޓް ސެންސާސް، ސްމާޓް ޕާކިން އެވެ. މީގެ އިތުރުން، ހުޅުމާލޭގެ ލިވެބިލިޓީ އިންޑެކްސް ވެސް ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.

ސްމާޓްކޮމް އަކީ އާބަންކޯގެ ޚިދުމަތްތައް އެންމެ ރަނގަޅަށް ދިނުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރާ ޚިދުމަތެކެވެ. އެގޮތުން، އާންމު ތަންތަނުގައި ހުންނަ ގަސްތަކަށް ފެން ދިނުމާއި، ޓްރެފިކް މޮނިޓާކުރުމާއި އާންމު ތަންތަނުގައި ހުންނަ ޑަސްބިންތައް ފުރޭވަރު ބެލުން ފަދަ ކަންކަން އެ ނެޓްވޯކުގެ ތެރެއިން ފަސޭހަކަމާއެކު ބެލޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ލިވިން އެކްސްޕޯ 2023-- ސަން ޕޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ސްމާޓް ޕާކިންގެ އެހީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުޅަނދުތައް ޕާކު ކުރާނެ ރައްކާތެރި ޖާގަތައް ކުރިޔާލައި، ބުކް ކުރެވޭނެއެވެ. އަދި، ޕާކިން ލޮޓަށް ވަންނަ އިރު، އޮޓޮމެޓިކުން ނަންބަރު ބޯޑު ދެނެގަނެ، އުނދަގުލަކާ ނުލައި އެކަން ކުރުމަށް ފަހިވާނެއެވެ.

ލިވަބިލިޓީ އިންޑެކްސް އަކީ އެއް ސިޓީއަކާއި އަނެއް ސިޓީއެއްގެ އަދި އެއް ގައުމަކާއި އަނެއް ގައުމެއްގެ ދިރިއުޅުމުގެ ފެންވަރު އަޅާ ކިޔުމުގެ ގޮތުން ބޭނުން ކުރާ މިންގަނޑެކެވެ.

ލިވަބިލިޓީ އިންޑެކްސް ސުމަކާ ކައިރި ކުރާނަމަ އެތަނަކީ ދިރިއުޅެން ފަސޭހަ ތަނެއް ނޫނެވެ. އެކަކާ ކައިރި ކުރާނަމަ އެތަނަކީ ދިރިއުޅެން ވަރަށް ފަސޭހަ ތަނެކެވެ. އާބަންކޯއިން ބުނި ގޮތުގައި، ހުޅުމާލޭގެ ލިވެބިލިޓީ އިންޑެކްސް ހުރީ 0.69ގައެވެ.

comment ކޮމެންޓް