ޗެރިޓީ ޝީލްޑްއާއެކު މާޒިޔާގެ ކުޅުންތެރިންގެ ހިތްވަރު އިތުރުވެގެންދާނެ ކަމަށް އެ ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.
ލީގު ޗެމްޕިއަން މާޒިޔާއިން ވަނީ އިއްޔެ ހަވީރު އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިއާ އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.
މި ސީޒަނުގައި މާޒިޔާއާ ހަވާލުވި ސެކުލޮވްސްކީ ބުނީ، ފުރަތަމަ މެޗުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށާއި ދެން އޮތީ ކުރިއަށްހުރި މެޗުތަކުން މޮޅުވުން ކަމަށެވެ.
"ކުރިއަށްހުރި މެޗުތަކުގައި ގިނަ ލަނޑުތަކެއް ޖެހުމަށް މަސައްކަތްކޮށް، އެކަން ސާބިތުކުރުމަށް މަސައްކަތްކުރާނަން. އަހަރެމެންގެ ހުރިހާ އެޓޭކިން ކުޅުންތެރިންނަށް ލިބުނު އެކެއް ނުވަތަ ދެ ފުރުސަތެއް. މިއަދު ލަނޑުޖެހީ އަސައްކޮ. ކުރިއަށްއޮތް މެޗުތަކުގައި އިތުރަށް ރަނގަޅުވާނެ. މިމޮޅާއެކު ކުޅުންތެރިންގެ ހިތްވަރު އިތުރުވެގެންދާނެ،" އޭނާ ބުންޏެވެ.
ސެކުލޮވްސްކީ ބުނީ، ޕްރެކްޓިސް މެޗުތަކާ ހިލާފަށް ކުރިއަށްއޮތްތާ ޖެހޭނީ ފުލުފުލުގައި މެޗުތަކެއް ކުޅެންޖެހޭނެ ކަމަށާއި އެހެންކަމުން މޮޅުވުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"އަހަރެންނަށް އެނގޭ ޕްރެޝަރަކީ ކޮބައިކަން. ކުޅުންތެރިން ބޭނުންވީ މޮޅުވާން. އަދި އެމީހުން އެ މޮޅުވީ. އެހެންވީމަ އަހަރެން ކުޅުންތެރިންނަށް މަރުހަބާކިޔަން. މިއީ އެންމެ މެޗެއް. މެޗުގައި ޖެހޭނީ ވިސްނުންތެރިކަމާއެކު ކުޅެން. ގިނަފަހަރު އެންމެ ލަނޑަކުން ވެސް މެޗުން މޮޅުވާނީ ކޮން ޓީމެއްކަން އެނގިގެންދޭ،" އޭނާ ބުންޏެވެ.
ސެކުލޮވްސްކީ އިތުރަށް ބުނީ، އިއްޔެގެ މެޗުގައި މަސައްކަތްކުރީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން ކަމަށާއި ފުރަތަމަ ހާފުގައި ލަނޑެއް ޖެހުނުނަމަ، އިތުރު ފަސޭހަތަކެއް ލިބިގެންދިޔައީސް ކަމަށެވެ. އަދި މެޗުގައި އެންމެ މަޤްސަދަކަށްވީ ޗެރިޓީ ޝީލްޑް ކާމިޔާބުކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.
މާލޭ ލީގުގެ ފުރަތަމަ މެޗުގައި ވެސް އެއްކޮޅުން ނުކުންނަން ޖެހޭނީ މާޒިޔާއެވެ. މިމަހުގެ 24 ވަނަ ދުވަހު ކުޅޭ އެ މެޗުގައި މާޒިޔާ ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ބަނގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ދާކާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބަނގްލަދޭޝްގައެވެ.