ފުރަތަމަ ޑިވިޝަންގެ ދެވަނައަށް ކިންގްސް ބީސީ ޖެހިލައިފި

އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ މެޗެއްގެ ތެރެއިން: ކިންގްސް ބީސީ ވަނީ ބައުސް ބަލިކޮށް، ފުރަތަމަ ޑިވިޝަންގެ ދެވަނައަށް ޖެހިލާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގެ ދެވަނައަށް ދާދި ފަހުން އުފެދުނު ކިންގްސް ބާސްކެޓްބޯލް ކްލަބު ޖެހިލައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ ޑިވިޝަންގެ މެޗުގައި ކިންގްސް ބީސީ ވަނީ ދަ ބައުސްގެ މައްޗަށް ކުރި ހޯދައިފައެވެ.

ރޭ ކުޅުނު އެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބައުސްގެ މައްޗަށް ކިންގްސް ބީސީ ކުރި ހޯދާފައިވަނީ 70-76 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކިންގްސް ބީސީއަށް 24 ޕޮއިންޓް ހޯދައިދިން އިބްރާހިމް އަންފަލް ޝަރީފެވެ.

ފުރަތަމަ ޑިވިޝަންގެ އެއްވަނައިގައި އޮތީ ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ. އެ ކްލަބު ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، ދެވަނައިގައި އޮތް ކިންގްސް ބީސީ ވަނީ ދެ މެޗުން މޮޅުވެފައެވެ. އެޓީމު ބަލިވެފައިވަނީ ހަމައެކަނި ޓީރެކްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ތިންވަނައިގައި އޮތް ބައުސް އެއް މެޗުން މޮޅުވެފައިވާއިރު، ފުލުގައި އޮތް ކުޑަ ހެންވޭރު ޔުނައިޓެޑް އަދި މެޗަކުން މޮޅުވެފައެއް ނުވެއެވެ.

އެމްބީއޭ ކަޕަކީ ކިންގްސް ބީސީ މިދިޔަ މަހު ކިންގްސް ބީސީ އުފެދުނު ފަހުން އެ ކްލަބު ވާދަކުރާ ފުރަތަމަ މުބާރާތެވެ. އެ ކްލަބަކީ ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަދި މިހާރު ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އުފެއްދެވި ކްލަބެކެވެ. މިއަހަރުގެ ފުރަތަމަ ޑިވިޝަންގައި އެ ކްލަބު ވާދަކުރަނީ ސީނިއާ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ.

ކިންގްސް ބީސީގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޒިލާލް (ކެޕްޓަން)، އަހްމަދު ފިރާޝް (ވައިސް ކެޕްޓަން)، އަހްމަދު އަފްޝަން ރަޝާދު، އިބްރާހިމް އަންފަލް ޝަރީފް، މުހައްމަދު ޚުވައިލިދު އަލީ، އަހްމަދު ނަޖީލް، އިމްރާން އަހްމަދު، މުހައްމަދު މުޒައްމިލް، މުހައްމަދު ސަމޫހް، ރިޝްފާން ރަޝާދު، ހައިޝަމް ދާއޫދު އަދި މުހައްމަދު ނާއިފް ރުޝްދީއެވެ. އެޓީމުގެ ހެޑް ކޯޗަކީ ފީބާ ރެޑް ލައިސެންސް ކޯޗު މާކޯ ޕްޕްލޮވިޗްއެވެ. އަދި ކޯޗަކީ ފީބާ ނޭޝަނަލް ލައިސެންސް އޮންނަ ޝްރިޔަންތާ ޖަޔަވީރާއެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ލީގު އުސޫލުން ކުޅުމަށް ފަހު ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނައާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ.

މި އަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް