އެންމެ ލަނޑަކުން ވެސް، ޗެރިޓީ ޝީލްޑް ކާމިޔާބުވުމުން އުފާކުރަން: މާޒިޔާ

މާޒިޔާގެ ކޯޗު ސެކުލޯވްސްކީ، ޗެރިޓީ ޝީލްޑް އުފުލާލަނީ: މިއީ މާޒިޔާއިން ޖެހިޖެހިގެން ޗެރިޓީ ޝީލްޑް ހޯދި ތިންވަނަ ފަހަރު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެންމެ ލަނޑަކުންވިޔަސް ވެލެންސިއާ އަތުން މޮޅުވެ، ޗެރިޓީ ޝީލްޑް ކާމިޔާބުކުރެވުމުން އުފާކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޯވްސްކީ ބުނެފިއެވެ.

މިއަދު ހަވީރު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު ވެލެންސިއާގެ މައްޗަށް މާޒިޔާއިން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ ވިދިވިދިގެން މާޒިޔާއިން ޗެރިޓީ ޝީލްޑް ހޯދި ތިންވަނަ ފަހަރެވެ. މިއަދު ކުޅުނު މެޗުން މާޒިޔާ މޮޅުވެފައިވަނީ މިސީޒަނުގައި އެކްލަބާ ހަވާލުވި މެސެޑޯނިއާ ކޯޗު ސެކުލޯވްސްކީގެ އިރުޝާދުގެ ދަށުންނެވެ.

މާޒިޔާއަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމަށްފަހު ކޯޗު ސެކުލޯވްސްކީ ބުނީ، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗުން މޮޅުވުމުން އުފާކުރާ ކަމަށެވެ. އަދި މޮޅަކާއެކު ސީޒަން ފެށުމުން އުފާކުރާކަމަށް ވެސް އޭނާ ބުންޏެވެ.

"މިހުރީ ވަރަށް އުފާވެފައި. އެއީ އަހަރެމެންނަށް މި ސީޒަނުގައި މޮޅަކާއެކު ފެށްޓުނީމަ. އަދި އަހަރެން އުފާކުރަން ޗެރިޓީ ޝީލްޑް ކާމިޔާބުކުރެވުނީމަ. އެ ކުޅުންތެރިން މިއަދު ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އަދި ކުޅުން ދަށެކޭ ބުނެވޭކަށް ނެތް. އެއީ އަހަރެމެން މެޗުގައި ކޮންޓްރޯލް ހޯދައިގެން އަބަދު ކުޅެމުންދިޔައީ. މުޅި މެޗުގައި ކޮންޓްރޯލް ހޯދައިގެން ކުޅުނީވެސް އަހަރެމެން،" އޭނާ ބުންޏެވެ.

ސެކުލޯވްސްކީ ބުނީ، މާޒިޔާއިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު ވެލެންސިއާއަށް ލަނޑުޖަހާނެ އެންމެ ފުރުސަތެއް ވެސް ދީފައިނުވާނެ ކަމަށާއި އެފަދަ ކުޅުމެއް މާޒިޔާގެ ކުޅުންތެރިން ދައްކާނަމަ އަބަދުވެސް ހިތްހަމަޖެހޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް މެޗުތަކުގައި ގިނަ ލަނޑުތަކެއް ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭ ލީގުގެ ފުރަތަމަ މެޗުގައި ވެސް އެއްކޮޅުން ނުކުންނަން ޖެހޭނީ މާޒިޔާއެވެ. މިމަހުގެ 24 ވަނަ ދުވަހު ކުޅޭ އެ މެޗުގައި މާޒިޔާ ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ބަނގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ދާކާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބަނގްލަދޭޝްގައެވެ.

comment ކޮމެންޓް