ޖުމުލަ 28 ސްޓޯލާއެކު ލިވިން އެކްސްޕޯ 2017 ހުޅުވައިފި

މޯލްޑިވްސް ލިވިން އެކްސްޕޯ 2016ގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 މިއަދު ހުޅުވައިފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ އެ އެކްސްޕޯ އާޓް ގެލެރީގައި މިއަދު ރަސްމީކޮށް ހުޅުވައި ދެއްވީ ވިޔަފާރިވެރިން ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ.

މިފަހަރުގެ ފެއާގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވާއިރު އެ އެކްސްޕޯ ހުޅުވާފައިވަނީ 28 ސްޓޯލާ އެކު އެވެ.

ހައިރައިޒުން ބުނި ގޮތުގައި މިއަހަރުގެ އެކްސްޕޯގައި، އިވެންޓް ޕާޓްނަރުންނާ އެކު 20 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒު، މިދިޔަ އަހަރު ވަނީ ރިއަލް އެސްޓޭޓް އިންޑަސްޓްރީއާއި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސާވިސް އިންޑަސްޓްރީގެ ބަައިވެރިވުން އިތުރުކޮށްފައެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯސްޕޮންސާއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ.

މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް