ވިކްޓަރީން މާޒިޔާ ބަލިކުރާ ވާހަކަ ދެއްކުމަކީ މާ ދުރުގައި އޮތް ކަމެއް: ސުޒޭން

މިދިޔަ ސީޒަނުގައި މާޒިޔާއަށް ސުޒޭން އިރުޝާދުދެނީ: ހަތަރު އަހަރަށް ފަހު ވިކްޓަރީގެ ބެންޗުން ފުރަތަމަ ފަހަރަށް ސުޒޭން ފެންނާނީ މިމަހުގެ 25ގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކަމަށާއި އެޓީމު ބަލިކުރާ ވާހަކަ ދެއްކުމަކީ މާ ދުރުގައި އޮތް ކަމެއް ކަމަށް މާޒިޔާގެ ކުރީގެ ކޯޗު އަދި އިއްޔެ ވިކްޓަރީ ސްޕޯޓްސް ކްލަބާ ހަވާލުވި އަލީ ސުޒޭން ބުނެފި އެވެ.

މިސީޒަން ފެށުނު އިރު، މުހައްމަދު ޝާޒްލީއާ ވިކްޓަރީ ހަވާލުކުރި ނަމަވެސް، އޭނާ މަގާމުން ދުރުކޮށް އެކްލަބުގެ ކޯޗުކަމުގެ މަގާމު ސުޒޭންއާ ވަނީ ހަވާލުކޮށްފަ އެވެ.

ސުޒޭން ބުނީ، މާޒިޔާ ބަލި ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެންމެ ފުރަތަމަ މެޗަކީ ގްރީން ސްޓްރީޓްއާ ދެކޮޅަށް ކުޅޭ މެޗަށް ވުމުން ފުރަތަމަ ކަމަކަށްވާން ޖެހޭނީ އެ މެޗަށް އިސްކަންދިނުން ކަމަށެވެ.

"ވިކްޓަރީ މިހާރު ވާދަކުރަން ޖެހެނީ ފުރަތަމަ ގްރީން ސްޓްރީޓާ. ފުރަތަމަ މެޗުގައި މިއޮތީ ގްރީން ސްޓްރީޓާ. އެހެންވީމާ މިވަގުތު ވިކްޓަރީ މެޗަކުން މެޗަކުން ކަލްކިއުލޭޝަން ހަދައިގެން ދާން އުޅުނިއްޔާ ރަނގަޅުވާނީ. މާ މަތިން މިސާލަކަށް އެންމެ ވަރުގަދަކޮށް މިއޮތީ މާޒިޔާ. މާޒިޔާ ބަލިކުރާ ވާހަކަ ދެއްކުން އެއީ އަދި މާ ދުރުގައި އޮތްކަމެއް. އެހެންވީމާ މިވަގުތަށް ބަލާ އިރު އެންމެ ބުއްދިވެރިވާނީ ގްރީން ސްޓްރީޓާ އެއްކޮށް ނަތީޖާއަކަށް މަސައްކަތްކުރާ ވާހަކަ ދެއްކިއްޔާ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ)އަކީ ދިވެހި ކޯޗެއް ނުފެނިގެން އުންމީދީ ކޯޗަކަށް އިންތިޒާރު ކުރަމުންދަނިކޮށް ފެނިގެންދިޔަ ކޯޗެއް ކަމަށާއި އެފަދަ ރަނގަޅު ކޯޗުން ފެނުމަކީ އުންމީދުކުރާ ކަމެއް ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އިރުޝާދުދިން އިރު ވެސް އޭނާއަކީ އުންމީދީ ކޯޗެއްކަން ސޮބާ ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެގޮތެއް ވިޔަސް މިހާރު އަޅުގަނޑާ އެއްކޮށް މަސައްކަތްކޮށްފައި، ނުވަތަ އަޅުގަނޑާ އެއްކޮށް ކުޅެފައި ހުރި ކޮންމެވެސް ދިވެއްސެއް ޓީމެއްގައި ހުރިއްޔާ ހުންނާނީ. ބޯޅަ ކުޅެފައި ހުރި މީހަކަށް ހުރިއްޔާ ހުންނާނީ. މިއީ އަޅުގަނޑު ފުޓްބޯޅައިގެ ތެރޭގައި މަސައްކަތްކުރާތާ 31 ވަނަ އަހަރު. ދިވެހި ކޯޗުންނަށް ވެސް ތިބޭނީ ކޮންމެވެސް ސިފައެއް އަޅުގަނޑާ އެކު މަސައްކަތްކޮށްފައި ތިބި މީހުން،" އޭނާ ބުންޏެވެ.

މާލޭ ލީގުގައި ވިކްޓަރީ ކުޅޭ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްއާ ދެކޮޅަށް ނުކުންނަން ޖެހޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ގްރީން ސްޓްރީޓަކީ މިއަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމެކެވެ.

comment ކޮމެންޓް