ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުތަކަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޖިލީހުގެ ރައީސާއި ބައެއް މެމްބަރުންނާއެކު --- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުތަކަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، ކުޑަކުއްޖަކާމެދު ބަދުއަޚްލާގީ އަމަލެއް ހިންގިކަން، ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

އަދި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ މީހެއްނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކަށް ވާދަކުރެވޭނީ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުމުން، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ ހަތް އަހަރު ފާއިތުވުމުންނެވެ.

އެ ބިލާ އެއްކޮޅަށް ވާހަކަ ދެއްކި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ މީހަކަށް ކުށެއް ކުރެވިދާނެ ކަމަށާއި ނަމަވެސް އެ މީހަކު މުޅި އުމުރު ދުވަހަށް ބާކީ ކުރަން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަން ނުޖެހޭ ޝަރުތެއް ކައުންސިލް މެމްބަރުންގެ މައްޗަށް ލާޒިމު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.

އިދިކޮޅު އެމްޑީޕީ ބައެއް މެމްބަރުން ވިދާޅުވީ ކައުންސިލަށް ކުރިމަތި ލުމަށް ހުޅުވާލައި ބައެއް ޕާޓީތަކުން ކެންޑިޑޭޓުން ނެގުމަށް ފަހު ގާނޫނަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް