އިކޮނަމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ފެއާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
"ޔޫތު ކެރިއާ އެކްސްޕޯ 2017"ގެ ނަމުގައި ބާއްވާ މި ފެއާއަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން ބާއްވަން ހަމަޖައްސާފައިވާ ފެއާ އެކެވެ.
މި ފެއާގައި ބައިވެރިވުމަށް އިކޮނަމިކް މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ރިސޯޓުތަކަކާއި ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކަށް ދައުވަތު އަރުވައިފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ފެއާގެ މަގްސަދަކީ ވާޒީފާގެ ދާއިރާ އިން ޒުވާނުންނަށް ހުރި ފުރުސަތްތަކުގެ މައުލޫމާތު ދީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުން ހޭލުންތެރި ކުރުވުމެވެ.
އެޗްޑީސީގެ އެސްސްޓެންޓް ޑިރެކްޓަރު މުހައްމަދު ސިރާޖު ވިދާޅުވީ އެ ފެއާގައި ސަރުކާރުގެ މުވައްސަސާތަކުންނާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ. އަދި ޓިވެޓްއާއި ނޭޝަނަލް ކެރިއާ ގައިޑެންސްއިން ވެސް އެ ފެއާގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކެރިއާ އެކްސްޕޯ ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެހެން އެކްސްޕޯތަކާ ވަރަށް ތަފާތުވާނެ. އެކި ފީލްޑްތަކުގެ މަޝްހޫރު މީހުން ކުރިއަރައިގެން އައި ގޮތާއި އިންޑަސްޓްރީތަކުގެ ބޮޑެތި މީހުން ކުރިއަރައިގެން އައި ގޮތުގެ ސުޕީޗުތައް ގެނެސްދޭނެ،" ސިރާޖު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީފާ އިންޓަވިއުގައި ދޭނެ ޖަވާބުތަކާއި، ބޮޑެތި ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި އެ ފެއާގައި ފަސް ރިސޯޓަކާއި ސަރުކާރު މުވައްސަސާތައް އަދި ކުންފުނިތައް ހިމެނޭ ގޮތަށް ޖުމްލަ 26 ސްޓޯލް ހިމެނޭނެ އެވެ. ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފެއާ އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގަ އެވެ.