ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް، ތިމާވެށި ހިމާޔަތް ކުރުމަށް އިންވެސްޓްކުރަން ޖެހޭ: ޒަރީރު

ފިނޭންސް މިނިސްޓަރު ޒަރީރު: ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ޓަކައި، އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިންވެސްޓްކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކުގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މޫސުމީ ނުރައްކަލަކީ އިގްތިޞާދީ ނުރައްކަލެއް. އަދި އިގްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަގްވާމީ އެހީއާއި، ލުއި ލޯނު އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި މާލީ އިދާރާތަކުގެ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް މުޙިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފައިނޭންސް ފޯރަމްގެ ތެރެއިން: ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރަންޖެހޭ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ދެހާސް އަށާވީސް ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި ގުޅުންތައް ބޭނުންވާނެ ކަމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަގްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ވެސް މިނިސްޓަރުގެ ވަހާކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫޢުތަކާއި އޭގެ ނަތީޖާއިން ކަމަށާއި، އޭގެ ތެރޭގައި ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، ތަރައްގީގެ ބައިވެރިންނާއި، މަދަނީ ޖަމްޢިއްޔާތައް އެއްތަންކުރާ ފޯރަމެކެވެ.

comment ކޮމެންޓް