ގެބްރިއެލް ޖީސަސްއަކީ މެސީގެ މަގާމު އަތުލާނޭ ކުޅުންތެރިޔާ: ޑީނިއޯ

ރޮނާލްޑީނިއޯ ގަބޫލުކުރާ ގޮތުގައި މެންޗެސްޓާ ސިޓީގެ ބްރެޒިލް ވޮންޑަ ކިޑް ގެބްރިއެލް ޖީސަސް އަކީ، މެސީގެ މަގާމު އަތުލާނޭ ކުޅުންތެރިއެއް -- ފޮޓޯ: ޕީއޭ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީގެ މަގާމު، މުސްތަގުބަލުގައި އަތުލާނޭ ކުޅުންތެރިއަކީ ބްރެޒިލްގެ އަރަމުން އަންނަ ތަރި ގެބްރިއެލް ޖީސަސް ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.

ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި ބްރެޒިލްގެ ޕަލްމެއިރާސް އިން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީއާ ގުޅުނު އުމުރުން 19 އަހަރުގެ ފޯވާޑް ވަނީ، އޭނާ އެޓީމަށް ކުޅުނު ދެ މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ގެބްރިއަލް ވަނީ، ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ހަ މެޗު ކުޅެ، އެޓީމަށް ހަތަރު ލަނޑު ޖަހައިދީފައެވެ.

ޑީނިއޯ ބުނީ، ޖީސަސްއަކީ މެންޗެސްޓާ ސިޓީއަށް ލިބުނު ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަދި މުސްތަގުބަލުގައި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވުން އެކަށީގެން ވާކަމަށްވެސް ބާސެލޯނާގެ ކުރީގެ ތަރި ބުންޏެވެ.

"މިހާރު އެންމެ މޮޅު ކުޅުންތެރިއަކީ މެސީ. އަހަރެން އަބަދުވެސް ބުނަމުން އައީ ކޮންމެވެސް ދުވަހަކުން މެސީގެ މަގާމު އަތުލާނީ ނޭމާ ކަމަށް.

"އެކަމަކު އެންމެ 19 އަހަރު، މުސްތަގުބަލުގައި އެއީ ގެބްރިއެލްއަށް ވުން އެކަށީގެން ވޭ. އެމަގާމަށް ވާސިލްވުމުގެ ހުރިހާ ގާބިލްކަމެއް އޭނާގެ އެބަހުރި."

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މޮނާކޯއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި ގަބްރިއެލް ހިމެނުމަށް ކޯޗު ޕެޕް ގާޑިއޯލާ ނިންމުމުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށްވެސް ރޮނާލްޑީނިއޯ ބުންޏެވެ.

ބާސެލޯނާއާއި ބްރެޒިލް ގައުމީ ޓީމާ އެކު ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އަދި 2004 އަދި 2005 ވަނަ އަހަރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވާ ޑީނިއޯ ބުނީ، ގަބްރިއެލްއަކީ، ޕްރިމިއާ ލީގުގެ ވަރުގަދަ ކްލަބުތައް ކަމަށްވާ، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި އާސެނަލް ފަދަ ކްލަބު ތަކަށްވެސް ބިރަކަށް ވާނޭ ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ އޭނައަށް ޗެމްޕިއަންސް ލީގު ކުޅެން ފުރުސަތު ލިބުމުން، އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާއަށް އެ ފުރުސަތު ހައްގު. އޭނާއަށް އެވަރުގެ ޔަގީންކަށް އެބައޮތް. ރޮނާލްޑޯ، ކަކާ، އަދި އަހަރެން، މިހާރު ނޭމާ ފަދަ ކުޅުންތެރީންނަކީ ވަރަށް ޅައުމުރުގައި ވިދާލި ކުޅުންތެރީން. ގަބްރިއެލްވެސް ހިމެނެނީ އެ ކެޓަގަރީގައި،" ގެބްރިއެލްއަށް ތައުރީފުކުރަމުން ރޮނާލްޑީނިއޯ ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ކުރީ ކޮޅުގައި، ގެބްރިއަލްއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގެބްރިއަލްގެ ފައިގެ ކުޑަހުޅަށް ލިބުނީ އެހާ ސީރިއަސް އަނީޔާއެއް ނޫން ކަމަށާއި ރިސްކެއް ނުނަގަން ވެގެން ގެބްރިއަލް ބަދަލުކުރީ ކަމަށެވެ.

comment ކޮމެންޓް