މިސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ކަމަށް ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީ ބުނެފިއެވެ.
ކަންޓޭ ވަނީ މިދިޔަ ސީޒަނުގައި ލެސްޓާއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އޭގެ ފަހުން މިސީޒަނުގައި ޗެލްސީއާ ގުޅުމަށްފަހު ތާވަލުގެ އެއްވަނައަށް އެރުމަށް އެޓީމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
"މިދިޔަ ހަފްތާގައި އަހަރެން ޗެލްސީ މެޗު ބަލައިލަން ދިޔައިން. އަހަރެން ދިޔައީ އެޑެން ހަޒާޑްގެ ކުޅުން ބަލަން. އަދި އަހަރެންނަށް އެ މެޗުގައި ފާހަގަކޮށްލެވުނު ކަންޓޭގެ ކުޅުން. މެޗަށްފަހު އަހަރެން ކަންޓޭ ކައިރީ ހުއްޓުމަށްފަހު، ޖޯކެއްގެ ގޮތުގައި އެއީ އަސްލު ކުޅުންތެރިއެއްތޯ އަހަރެން އޭނާ ކައިރީ އެހިން. ކަންޓޭއަށް މިސީޒަނުގެ އެންމެ މޮޅު ޕްރިމިއާ ލީގު ކުޅުންތެރިޔާގެ އެވޯޑު ހައްގު،" އޮންރީ ބުންޏެވެ.
އޮންރީ ބުނީ، އުމުރުން 35 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޒްލަޓަން އިބްރަހިމޮވިޗް މޮޅު ކުޅުމެއް ދައްކާ ކަމަށާއި އާސެނަލްގެ އެލެކްސިސް ސަންޗޭޒް އަދި ރޮމެލޫ ލުކާކޫ ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދާ ކަމަށެވެ.
"އެލެކްސިސް ސަންޗޭޒް އެ ދަނީ ގޯލް ޖަހައި، ގޯލްތައް ޖެހުމަށް މަހުފަހިކޮށްދެމުން. ރޮމެލޫ ލުކާކޫ މިހާރު 16 ލަނޑު ޖަހައިފި. ލިވަޕޫލް ސާޑިއޯ މާނޭއާއި، ޓޮޓެންހަމްގެ ހެރީ ކޭންއާއި ޑެލޭ އަލީ އަދި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާއަށް ވެސް މިސީޒަނަކީ ރަނގަޅު ސީޒަނެއް. އެކަމަކު ކަންޓޭ އަކީ އެ ކުޅުންތެރިޔަކު ނުފެނިއްޖެނަމަ، ޓީމުގައި ނެތްތަން ދައްކާފަދަ ކުޅުންތެރިއެއް. ކަންޓޭއަކީ ހާއްސަ ކުޅުންތެރިއެއް. އޭނާއަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި މިއަދު ޗެލްސީން ބާންލީއާ ދެކޮޅަށް ނުކުންނައިރު، ޗެލްސީ އޮތީ ކުޅުނު 24 މެޗުން ލިބުނު 59 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ޗެލްސީއާއި ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާއި ތިންވަނައިގައި އޮތް އާސެނަލްއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޓޮޓެންހަމް އަދި އާސެނަލް ވެސް ވަނީ މިހާތަނަށް 25 މެޗު ކުޅެފައެވެ.