އޭޝިއާގެ އެންމެ ބޮޑު ރިސޯޓް ޝޯއަށް ސައުންޑްސް އޮފް މޯލްޑިވްސްގެ ވަރުގަދަ ޓީމެއް

ޑީއާރުޓީ ސޯއާ ގުޅޭގޮތުން ހައިރައިޒް އިން އާންމުކޮށްފައިވާ އިޝްތިހާރެއް --- ފޮޓޯ/ ހައިރައިޒް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް، ރާއްޖޭގެ ހަތަރު މިއުޒިކީ ބޭންޑްތަކަކާ އެކު ސިންގަޕޫރުގައި ބާއްވަން ނިންމައިފި އެވެ.

މިއަހަރު ސައުންޑްސް އޮފް މޯލްޑިވްސް ދައްކާލަނީ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި މިމަހު 24 އިން 27 އަށް ބާއްވާ ޑައިވިން ރިސޯޓް ޓްރެވަލް އެކްސްޕޯ 2017 ނުވަތަ ޑީއާރުޓީ އެކްސްޕޯ 2017 ގައެވެ.

ޑީއާރުޓީ ސޯއާ ގުޅޭގޮތުން ހައިރައިޒް އިން އާންމުކޮށްފައިވާ އިޝްތިހާރެއް --- ފޮޓޯ/ ހައިރައިޒް

އެ ޝޯތަކުގައި ރާއްޖޭގެ މަޝްހޫރު ޒުވާން ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގްރޫޕާއި ގްރެވިޓީ ބައި ހަބޭސް އާއި ޑީޖޭ އައްޔަ އަދި ރިޝްވާން އިމޮން (ރިއްޓެ) ގެ ހުނަރުތައް ދައްކައިލާނެ އެވެ.

ފެބްރުއަރީ 24 ވަނަރޭ 6:00 އިން 8:00 އަށް އަދި 11:00 އިން 12:00 އަށް ހަބޭސް ބޮޑުބެރު ފެންނާނެ އެވެ. އެދުވަހު އިރުއޮސްސި 6:00 އިން 8:00 އަށް ޑީޖޭ އަލީ ފެންނާނެ އެވެ. ފެބްރުއަރީ 25 ވަނަ ރޭ 11:00 އިން 12:00 އަށް ވެސް ހަބޭސް ފެންނާނެ އެވެ. 25 ވަނަ ދުވަހު ހަވީރު 16:50 އިން 18:40 އަށް ޕާފޯމްކުރާނީ ރިޝްވާން އިމޮން (ރިއްޓެ) އެވެ. އަދި 26 ވަނަ ދުވަހުގެ ހަވީރު ގްރެވިޓީ ބައި ހަބޭސް ފެންނާނެ އެވެ.

ޑީއާރުޓީ ސޯއާ ގުޅޭގޮތުން ހައިރައިޒް އިން އާންމުކޮށްފައިވާ އިޝްތިހާރެއް --- ފޮޓޯ/ ހައިރައިޒް

ޑީއާރުޓީއިން އަހަރެއްގެ ތެރޭގައި ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ހަތް އެކްސްޕޯއެއް އެކި ގައުމުތަކުގައި ބާއްވަމުންދެއެވެ. އަދި އެ އެކްސްޕޯތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތަކުގެ ބައިވެރިވުމާއެކު ކޮންމެ އިވެންޓެއްގައި 150 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

އެގޮތުން، ޑީއާރުޓީގެ އެކްސްޕޯތައް ހޮންގް ކޮންގް، ޝަންހާއީ، ބެއިޖިން، ޓައިވާންގެ އިތުރުން ފިލިޕީންސް އަދި ސިންގަޕޫރުގައި ވެސް ބާއްވާފައިވާއިރު، އާ އެޑިޝަން ހޯސްޓް ކުރަން ނިންމާފައިވަނީ އަވަށްޓެރި އިންޑިއާގައެވެ.

ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝިފްރާޒް ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސްގެ އެންމެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުނަރުވެރިންގެ ފަރާތުން ރާއްޖެ ޕްރޮމޯޓްކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމާ ގުޅުންހުރި އެކްސްޕޯއަކާއެކު މިއަހަރުގެ ޝޯ ބޭއްވުމުން، ބޭނުންވާ އަމާޒު ކުރިއަށްވުރެ ބޮޑަށް ހާސިލްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއާރުޓީ ސޯއާ ގުޅޭގޮތުން ހައިރައިޒް އިން އާންމުކޮށްފައިވާ އިޝްތިހާރެއް --- ފޮޓޯ/ ހައިރައިޒް

"ސިންގަޕޫރުގައި ޑީއާރުޓީ އެކްސްޕޯގައި ރާއްޖޭގެ ހިދުމަތްތަކާ ޕްރޮޑަކްޓުތައް ދައްކާލުމަށް ބޮޑު ލޮކޭޝަނެއް ލިބޭނެ. އަދި އެސްއޯއެމްގެ މިއަހަރުގެ އެޑިޝަން ސިންގަޕޫރަށް ބަދަލުކުރީ ކަށަވަރުވެފައިވާ ސްޕޮންސަރުންނާއި އާޓިސްޓުންނާއި ބައިވެރިވާ ފަރާތްތަކާ މަޝްވަރާކޮށްފަ،" ހައިރައިޒްގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިންގަޕޫރުގައި މިއަހަރުގެ ޝޯ ބާއްވަން ތައްޔާރު ކަމަށާއި ވޭތުވެދިޔަ އަހަރުތަކާ ހިލާފަށް މިއަހަރުގެ ޝޯ އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

comment ކޮމެންޓް