ލީޑާޝިޕްގެ ހުނަރުތައް ދަސްކުރުމަށް ޒުވާނުންނަށް ހިތްވަރުދީ، ކުޅަދާނަ ޒުވާން ލީޑަރުންތަކެއް އުފެއްދުމުގެ ބޭނުމުގައި ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިސްނަގައިގެން ހާއްސަ ކޭމްޕެއް ފަށައިފިއެވެ.
ސަން ސިޔާމް ގުރޫޕުގެ އެހީގައި "މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕު" (އެމްވައިއެލްސީ)ގެ ނަމުގައި އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ކޭމްޕުގައި 22 ޒުވާން ލީޑަރުންނާއި ސަން ސިޔާމް ހޮސްޕިޓޭލިޓީ ގްރޫޕްގެ ހަ ޒުވާން ސްޓާފުންނާއެކު ޖުމްލަ 30 ޒުވާނުން ބައިވެރިވެއެވެ.
ރަފީ ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް އައިޝަތު ރަފިއްޔާ (ރަފީ) ވިދާޅުވީ އެ ޕްރޮގްރާމަށް ޒުވާނުން ނަގާފައި ވަނީ، ރަފީ ޖަމިއްޔާއިން މިދިޔަ އަހަރުގެ ތެރޭގައި ހިންގި ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ލެކްޗާ ޕްރޮގްރާމް ތަކުން ކަމަށެވެ.
ޒުވާނުން އެކަކު އަނެކަކާ ބައްދަލުވެ، އަމިއްލަ ނަފްސަށް ކުރާ އިރުބާރާއި ޔަގީންކަން އިތުރު ކުރުމަށް މަގުފަހި ކުރުމަށް މިއަދު ބޭއްވި އެ ލެކްޗާ ޕްރޮގްރާމްތަކުގެ ހަތަރު ޕްރޮގްރާމެއް ރަފީ ޖަމިއްޔާއިން ބާއްވާފައިވެއެވެ.
ރަފީ ވިދާޅުވީ، މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕުގައި ބައިވެރިވާ ޒުވާނުންނަށް ސެޝަންތައް ނަގައިދޭނީ ކޮލަމްބޯ ލީޑާޝިޕް އެކެޑަމީ (ސީއެލްއޭ)ގެ ފަރާތުން ކަމަށެވެ.
ކޭމްޕުގައި ނަގައިދޭ ސެޝަންތަކުގެ ތެރޭގައި އެކިކަހަލަ ލީޑާޝިޕް ޕްރޮގްރާމްތަކާއި މުޖުތަމައުއެއް ބިނާ ކުރުމަށް ބޭނުންވާނެ ކަންތައްތަކުގެ އިތުރުން ކުޑަ ވިޔަފާރިއެއް ފަށައިގަންނަން ކުރަންޖެހޭ ކަންތައްތައް ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް ރަފީ ވިދާޅުވިއެވެ.
އޮޅުވެލި ބީޗް އެންޑް ސްޕާގައި ކުރިއަށްގެންދާ އެ ކޭމްޕުގެ ޒުވާނުންނަށް މުހާތަބުކޮށް ވާހަކަދެއްކެވުމަށް މިއަދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި އަނބިކަނބަލުން ވަނީ ޒިޔާރަތްކުރައްވާފަ އެވެ.
އޭގެ އިތުރުން ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ވަނީ ކޭމްޕުގެ ޒުވާނުންނާ ބައްދަލުކުރައްވާ އެ ޒުވާނުންނަށް ދަތިވާ ކަންތައްތައް އޮޅުން ފިލުވައި ހިތްވަރު ދެއްވާފައެވެ.
އަހުމަދު ސިޔާމް މުހައްމަދަކީ މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕުގެ ޝަރަފްވެރި މެހެމާނެވެ.