ކައުންސިލް އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އިތުރު ފުރުސަތެއް ދީފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބެއްގައި ވޯޓުލުންކުރިއަށް ދަނީ ---- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި އަހަރުގެ އޭޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަރުތާ އިދާތާރަތަކުން މިކަމަށް އެދޭ ފަރާތްތައް، މިހިނގާ ފެބްރުއަރީ 5 ވީ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ފޯމު ހުށަހަޅާއިރު މީޑިއާއެއްގެ ފަރާތުން މޮނިޓަރުކުރުމަށް ހުށަހަޅާ ފަރާތްތައްކަން ބަޔާންކޮށް، އެ މީޑިއާއެއް ކަވަރިންގ ލެޓަރއާއެކު އެފަރާތްތަކުގެ އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް އަދި ރަށް، ހުށަހަޅަން ޖެހެއެވެ. އަދި ހުށަހަޅާ ސިޓީއާއެކު އެ ލިސްޓުގެ ސޮފްޓް ކޮޕީ (XLSX ފޯމެޓްގައި) ހިމެނޭ ސީޑީއެއް ހުށަހަޅަންވާނެކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، 2016 ނޮވެންބަރު 10 އިން 2016 ޑިސެންބަރު 14 އާއި ދެމެދު މޮނިޓަރުންނަށްވުމަށް އެދި ފޯމު ހުށަހެޅުމަށް އެ ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި، ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޮނިޓަރުންނަށްވުމަށް ހުއްދަދެވިފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ.

މީގެ ކުރިން އެކި ސަބަބުތަކާ ހުރެ ފޯމު ބާތިލްކުރެވިފައިވާ ފަރާތްތަކަށް ވެސް އަލުން އެފަރާތްތަކުން އެދޭނަމަ، މިހާރު ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް