ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ ޗެއާމަނަކަށް އޮގަރު އައްޔަ

އޮގަރު އައްޔަ (ކ)، ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑްރާގޯ މަމިޗްއާއެކު: އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖެ ވާދަކުރިއިރު، އޭރު އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރީ އޮގަރު އައްޔަ --- ސަން ފައިލް ފޮޓޯ

ގައުމީ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމްގެ ކަންތައްތައް ބެލެހެއްޓުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ޗެއާމަނަކަށް ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު އަދާކޮށްފައިވާ އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖައްސައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ އެ ކޮމެޓީގައި ތިއްބަވާނީ ޖުމްލަ ފަސް މެމްބަރުން ކަމަށާއި ކޮމެޓީ އެކުލަވާލީ ރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ކަމަށެވެ.

ޗެއާމަން އަލީ ނަޝީދުގެ އިތުރުން ދެން އެ ކޮމެޓީއަށް އައްޔަނުކޮށްފައި ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗް ޑަރެން ސްޓެވާޓް އާއި ގައުމީ ޓީމުގެ ފިޒިޝަން ޑރ. އަބްދުﷲ ރާފިއު އާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބްކުރި ގައުމީ ޓީމްގެ މެނޭޖަރު މުހައްމަދު ހާނިމް އާއި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗް ރިއޯ ނައޯކޯ ކަމަވޯޓޯގެ އިތުރުން އެފްއޭއެމް އަށް ގެނައުމަށް ނިންމާފައި ވަނީ ޓެކްނިކަލް ޑައިރެކްޓަރުއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީގެ ކުރިން ވިދާޅުވީ ކޮމެޓީގެ މެންޑޭޓަކަށް ވާނީ ގައުމީ އަންހެން އަދި ފިރިހެން ޓީމްގެ އިތުރުން ގައުމީ ޒުވާން ޓީމްތަކުގެ ކަންކަން ބެލެހެއްޓުން ކަމަށެވެ.

ގައުމީ ފިރިހެން ޓީމަށް ބައިނަލްޣުއާވާމީ ގިނަ މެޗުތަކެއް މިއަހަރު ކުރިއަށް ހުރިި އިރު އެފްއޭއެމުން ވަނީ އެ ޓީމްގެ ދާއިމީ ކޯޗުގެ މަގާމަށް ސްޓެވާޓް ހަމަޖައްސާފައެވެ.

މި މަހުގެ ތެރޭގައި ސްޓެވާޓް މާލެއައުމަށް ހަމަޖެހިފައިވާއިރު ގައުމީ ޓީމަށް ފުރަތަމަ އޮންނާނީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކެވެ. އަންނަ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮލިފައުންގެ މެޗުތަށް ދިގުދެމިގެންދާނެ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އެންމެ ފުރަތަމަ ކުޅެންޖެހޭނީ ފަލަސްތީނާ އެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 28ގަ އެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރު ފަހުކޮޅުގަ އެވެ.

comment ކޮމެންޓް