ކައިވެނިކޮށްގެން ތިބި މީހުންނަށް ވެސް އެކަނިވެރި މައިންގެ ފައިސާ ދީފައިވޭ

މައިންނާއެކު ކުދިންތަކެއް ހިނގާފައި ދަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެކަނިވެރި މައިންނަށް ދޭ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް ވެސް ދީފައިވާކަން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ނެޝަނަލް ސޯޝަލް ޕުރޮޓެކްޝަން އެޖެންސީން އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުއްޖެއްގެ ބޮލަށް މަހަކު 1000 ރުފިޔާ ދޭއިރު އެކަނިވެރި އެ ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަޔަށް 1000 ރުފިޔާ ދެ އެވެ. ކައިވެނި ކުރާ ހިސާބުން އެ ފައިސާ ނުލިބޭނެ އެވެ.

ހެލްތް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ކައިވެނި ކުރުމަށްފަހު ވެސް ބައެއް ފަރާތްތަކުން ވަނީ އެ ފައިސާ ނަގާފަ އެވެ. އެގޮތުން 983،000 ރުފިޔާ އެގޮތަށް ދައުލަތުން ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެގޮތަށް އެކަން ދިމާވަނީ ވަރި ކައިވެނި ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައި ނެތުމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2014 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްގެ ގޮތުގައި 488000 ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެތެރޭގައި މަރުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެލަވަންސް ދޭ މީހުން ނިޔާވިކަން ބެލޭނެ ހަރުދަނާ ނިޒާމެއް އެންސްޕާގައި ގާއިމް ކުރެވިފައި ނެތް ކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެލަވަންސް ދޭ ފަރާތްތަކަކީ އެ ހައްގު ފަރާތްތައްތޯ ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އެކަނިވެރި މައިންނަށް އުސޫލާއި ހިލާފަށް ދޫކުރި ފައިސާ ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ އަރުވާފަ އެވެ.

comment ކޮމެންޓް