ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް ފަށައިފި، ޝަރަފްވެރިކޮށްދެއްވީ މެޑަމް ފާތުން

މެޑަމް ފާތުން ނ. ކެނދިކުޅުދޫގައި: އެކަމަނާ ލަންދުއަށް ވަޑައިގެންނެވީ މިއަދު ހަވީރު ---

ރާއްޖޭގެ ހުރިހާ ރަށްތަކަކަށް އަމާޒްކޮށްގެން ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެންމެ އަގުބޮޑު ބަށި މުބާރާތް 'ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017' ފަށައިފިއެވެ.

މިއަދު ހަވީރު ނ. ލަންދޫގައި ބޭއްވި ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)އެވެ.

އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ފާތުންގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްއާއި އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާއާއި، ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމްއާއި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.

މެޑަމް ފާތުން ނ. ކެނދިކުޅުދޫގައި: އެކަމަނާ ލަންދުއަށް ވަޑައިގެންނެވީ މިއަދު ހަވީރު ---

މުބާރާތް ޝަރަފްވެރިކޮށްދެއްވުމަށް މެޑަމް ފާތުން ލަންދޫއަށް ވަޑައިގެންނެވުމާއެކު އެ ރަށުން ވަނީ އެކަމަނާއަށް ދިވެހިވަންތަ މަރުހަބާއެއް ކިޔައިފައެވެ. ލަންދޫ އަދި ނ. އަތޮޅުގެ އެކި އުމުރުގެ ބޭފުޅުން ވަނީ މެޑަމް ފާތުންނަށް މަރުހަބާ ދެންނެވުމަށް ޖަމާވެފައެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު މިހާރު ކުރިއަށްދާއިރު، އެ މެޗުގައި ބައްދަލުކުރަނީ ލަންދުއާއި މާޅެންދުއެވެ.

އެ މުބާރާތުގައި އެކި އަތޮޅުތަކުން ޖުމްލަ 49 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި 17 އަތޮޅެއްގެ ޓީމުތައް ބައިވެރިވެފައިވާއިރު، ގަދަ 16 އަށް ދަތުރުކުރާނީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދާ ޓިމެކެވެ. ފައިނަލް ބުރަށް ދަތުރުކުރާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމެވެ.

އެ މުބާރާތް މިއަދު ފެށިގެންދިޔައީ ނ. އަތޮޅުގެ ބުރުންނެވެ. އެ އަތޮޅުގެ ބުރުގައި ދެ ގްރޫޕެއް ހިމެނެއެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ލަންދުއާއި، މާޅެންދުއާއި، މާފަރު އަދި ކުޑަފަރީއެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ޅޮހިއާއި، ހޮޅުދޫ އަދި މަނަދުއެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިިނާމް ދޭނެއެވެ. އޭގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެނެމް ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް ވެސް އިނާމެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް