ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތަކެއް ޖަމީލާ ކުރެއްވުމަށް އުމަރު ލަންޑަނަށް

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދާއި، ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލާ އެކު --- ސަން ފައިލް ފޮޓޯ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތަކެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ އެކު ކުރެއްވުމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ލަންޑަނަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އުމަރު ނަސީރަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ވެސް ކުރައްވައިފައެވެ.

އުމަރު ނަސީރު ފޭސްބުކްގައި އާންމުކުރެއްވި މެސެޖެއްގައި މިރޭ ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ ބައްދަލުކުރެއްވުމަށް އަންނަ ހަފްތާގައި ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ މަޝްވަރާތަކަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ސަރުކާރުގެ ހޯމް މިނިސްޓަރުކަން އިސްތިއުފާ ދެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން، އެޕާޓީގެ ރައީސަށް އުމަރު ވަނީ ރަސްމީކޮށް އަންގަވައިފައެވެ.

"ގައުމުގައި ތިއްބެވި އެންމެ ސީނިއާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ." އުމަރު "ސަން"އަށް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެ މަގާމުން ވަކި ކުރެއްވި އިރު، އެމަނިކުފާނާއި އެމަނިކުފާނުގެ ވަނީ އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ.

ޑރ. ޖަމީލްއަކީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކުވެ، އުފައްދާފައިވާ އިއްތިހާދު "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" (އެމްޔޫއޯ)ގެ ލީޑަރެވެ.

އުމަރު ލަންޑަނަށް ވަޑައިގަންނަވާ އިރު، އެމްޔޫއޯގެ މުސްތަޝާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގެ ބައްދަލުވުންތަކަށް ސްރީލަންކާގައެވެ. އުމަރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓަރުކަން އިސްތިއުފާ ދެއްވި ނަމަވެސް "ނަޝީދުގެ އުނގަކަށް" އޭނާ ނާރުއްވާނެއެވެ.

comment ކޮމެންޓް