ޕީޕީއެމް ކައުންސިލަށް އުމަރު އައްޔަން ކުރައްވައިފި

2012 ވަނަ އަހަރު ޕީޕީއެމް އިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މައުމޫނާއި އުމަރު --- ސަން ފައިލް ފޮޓޯ

ހޯމް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ސަރުކާރު ހިންގާ ޕީޕީއެމްގެ ކައުންސިލަށް އައްޔަން ކުރައްވައިފި އެވެ.

ޕީޕީއެމް ކައުންސިލަށް އުމަރު އައްޔަން ކުރެއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ކައުންސިލަށް އައްޔަންކޮށްފައިވާ ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މިއަދު މަގާމުން ވަކިކުރެއްވުމުން، އެ ދެ މަގާމު ހުސްވުމުންނެވެ.

އުމަރުގެ އިތުރުން ޕީޕީއެމް ކައުންސިލަށް އަހުމަދު ސޮފުވާން ވަނީ އައްޔަން ކުރައްވާފަ އެވެ. މައުމޫން ވަނީ އެ ދެ ބޭފުޅުން ކައުންސިލަށް އައްޔަން ކުރެއްވުމަށްފަހު މަރުހަބާ ވިދާޅުވެފަ އެވެ.

އުމަރަކީ ޕީޕީއެމްގެ އެންމެ ފުރަތަމަ ނައިބު ރައީސެވެ. އޭނާއަށްފަހު އެ ޕާޓީގެ ނައިބު ރައީސްކަމަށް ވަޑައިގެންނެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމެވެ. އިލްހާމާއި އަދީބަކީ އެ ޕާޓީގެ ކޮންގްރެސްގައި އާންމު މެމްބަރުންގެ ވޯޓުން އެ މަގާމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އަބްދުއްރަހީމު ނައިބު ރައީސްކަމަށް ވަޑައިގެންނެވީ ޕާޓީގެ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ބޭއްވި ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަ ކުރައްވައި ނާކާމިޔާބު ވެވަޑައިގަތުމުން، އުމަރު އަމަލު ކުރެއްވި ގޮތުން އުމަރު ޕީޕީއެމުން ވަކިކުރި އެވެ. އެއަށްފަހު އުމަރު ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ސޮލޮޓެއްގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގަތުމަށްފަހު، ޖުމްހޫރީ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއެކު އުމަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި އެވެ. އަދި ފަހުން ޕީޕީއެމަށް ގުޅިވަޑައިގެންނެވި އެވެ.

ރައީސް ޔާމީނާއި ޕީޕީއެމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނާ އުމަރު ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމް އިސްލާހު ކުރުމަށް މައުމޫން ފައްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް