ލިވިން އެކްސްޕޯގެ އިންޝޫރެންސް ޕާޓްނަރަކަށް އެލައިޑު!

ލިވިން އެކްސްޕޯގެ އިންޝުރެންސް ޕާޓްނަރަކަށް އެލައިޑު ވުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރުގެ ލިވިން އެކްސްޕޯގެ އިންޝޫރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑު އިންޝުރެންސް ކުންފުނިން ބައިވެރިވެއްޖެ އެވެ.

ލިވިން އެކްސްޕޯ 2017 އޯގަނައިޒް ކުރާ ހައިރައިޒް އާ އެކު އެލައިޑުން ޕާޓްނަރު ކަމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހައިރައިޒްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު ނައްވާފު ރަޝީދު އެވެ. އެލައިޑުގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު އެވެ.

އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ލިވިން އެކްސްޕޯގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި ހޯމް ސޮލިއުޝަންސްތަކުގެ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ފެނިގެން ދާނެ ކަމަށް ހައިރައިޒްގެ ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަމަށެވެ. އަދި އެ އެކްސްޕޯ ތެރެއިން އެލައިޑުގެ އެކި ޚިދުމަތްތަކާއި، އެކުންފުނީގެ ސަބް ކޮމްޕެނީތައް ޕްރޮމޯޓު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެލައިޑުގެ އަޔާދީ ތަކާފުލް އިން ދޭ ހޯމް ތަކަފުލް އަދި ކާރިސާ ތަކާފުލްގެ ޚިދުމަތް ޕްރޮމޯޓުކޮށް އެ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ލިވިން އެކްސްޕޯގައި މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 16، 17، އަދި 18ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖައްސާފައިވާ ލިވިން އެކްސްޕޯގެ ފަސް ވަނަ މައުރަޒު ޚާއްސަ ކުރެވިފައިވަނީ، އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމަށް އެދޭ ބޭފުޅުންނަށް އެކި ފެންވަރުގެ އެޕާޓްމެންޓް ލިބޭނެ ފުރުސަތު ފަހި ކޮށްދިނުމަށެވެ. މިއަހަރުގެ މައުރަޒުގައި ގިނަ އަދަދެއްގެ ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސް ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ގެދޮރުގައި ބެހެއްޓިދާނެ ޒަމާނީ ވަސީލަތްތައް ތަޖުރިބާ ކޮށްލުމާއި ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކުގެ މައުލޫމާތު ހިމެނެއެވެ.

މީގެ އިތުރުން، އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީ އެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް