ރައީސް ބަރޯގެ ކެބިނެޓަށް، ގެމްބިއާގެ ކުރީގެ ސިޔާސީ ކުށްވެރިން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންވާ ބޭފުޅުން --

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ފުރަތަމަ ވަޒީރުންގެ މަޖިލީސް އެކުލަވާލައިފިއެވެ.

ވަޒީރުން މިއަދު ވަނީ ވަޒީރުކަމުގެ ހުވާކުރައްވައިފައެވެ. ރައީސް ބަރޯގެ ކެބިނެޓުގައި 18 ވަޒީރަކު ހިމެނޭ އިރު، މިއަދު މަގާމުގެ ހުވާ ކުރައްވާފައިވަނީ 10 ބޭފުޅެކެވެ.

މިއަދު މަގާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ގިނައީ ކުރީގެ ރައީސް ޔަހްޔާ ޖަމޭހްގެ ވެރިކަމުގައި، އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރުކޮށް، ޖަލުގައި ދުވަސްތައް ހޭދަކުރެއްވި ބޭފުޅުންނެވެ.

ގެމްބިއާގެ ފޮރިން މިނިސްޓަރުކަމަށް އައްޔަނުކުރީ ގެމްބިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި ރައީސް ބަރޯ ކުރިން އުޅުއްވި ޔުނައިޓެޑް ޑިމޮކްރެޓިޑް ޕާޓީގެ ލީޑަރު ހުސައިނޫ ދަރްބޯއެވެ.

ޔޫޑީޕީގެ މެމްބަރަކު ޖަލުގައި ހުއްޓާ މަރުވި މައްސަލައެއްގައި މުޒާހަރާކޮށްގެން، ކުރީގެ ރައީސް ޖަމޭހްގެ ސަރުކާރުގައި، 2016 ވަނަ އަހަރުގެ އޭޕްރިލް މަހު ދަރްބޯ ހައްޔަރުކުރެވުނެވެ. ދަރްބޯ މިނިވަންކޮށްދިނީ ރައީސްކަމަށް ވަޑައިގަތުމަށްފަހު، ރައީސް އަޑަމާ ބަރޯއެވެ.

އިންޓީރިއާ މިނިސްޓަރުކަމަށް މައި އަހްމަދު ފަތީ އައްޔަނު ކުރެވުނު އިރު، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓަރުކަމަށް އައްޔަނުކުރީ ހަމަތު ބާހްއެވެ.

ގެމްބިއާގެ ޓްރޭޑް މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ޑރ. އައިޝަތު ޓޫރޭއަކީ ގެމްބިއާގެ ރިޔާސީ އިންތިޚާބެއްގައި އެންމެ ފުރަތަމަ ވާދަކުރެއްވި އަންހެން ބޭފުޅާއެވެ. އަންހެނުންގެ ހައްގުތަކަށް ވާކާލާތުކުރައްވާ ޑރ. އައިޝަތު ވަނީ، ކުރީގެ ރައީސް ޖަމޭހްގެ ވެރިކަމުގައި، 2010 ވަނަ އަހަރު ޖަލުގައި ދުވަސްކޮޅެއް ހޭދަކުރައްވައިފައެވެ.

ގެމްބިއާގެ ފިނޭންސް އެންޑް އިކޮނޮމިކް މިނިސްޓަރު އަހްމަދު ސަނޭ، މިދިޔަ ހޯމަ ދުވަހާ ހަމައަށް ހުންނެވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖަލުގައެވެ. އޭނާއަކީ އިދިކޮޅު ޕާޓީ ޔޫޑީޕީގެ ޚަޒާންދާރެވެ. ކުރީގެ ރައީސް ޖަމޭހްގެ ސަރުކާރާ އިދިކޮޅު ވާހަކަ ދައްކައިގެން އޭނާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި އިރު، މިދިޔަ ހުކުރު ދުވަހު އޭނާއަށް މައާފު ދެއްވައި، ޖަލުން މިނިވަން ކޮށްދެއްވީ ރައީސް އަޑަމާ ބަރޯއެވެ.

މީގެ އިތުރުން، ގެމްބިއާގެ އާ އެގްރިކަލްޗާ މިނިސްޓަރު އުމަރު ޖަލޯއަކީ ވެސް ޖަމޭހްގެ ވެރިކަމުގައި އެކި ފަހަރުމަތިން ހައްޔަރުކުރެވުނު ސިޔާސީ އިދިކޮޅު އެކްޓިވިސްޓެކެވެ.

ރައީސް އަޑަމާ ބަރޯ ކެބިނެޓަށް 10 ބޭފުޅާކު މިއަދު އައްޔަނު ކުރި އިރު، ބާކީ އަށް ބޭފުޅުން ވަރަށް އަވަހަށް މަގާމުގެ ހުވާ ކުރައްވާނެއެވެ.

ރައީސް ބަރޯ ނައިބު ރައީސެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ ގެމްބިއާގެ ކުރީގެ ހެލްތު މިނިސްޓަރު ފާތުމަތާ ތަމްބަޖަންގްއެވެ. ރައީސް ބަރޯ ސެނެގޯލްގައި ހުންނަވައި ގެމްބިއާގެ ރިޔާސީ ހުވާ ކުރެއްވި އިރު، އެނބުރި ގެމްބިއާއަށް ވަޑައިގަތީ މިދިޔަ ހަފްތާ ތެރޭގައެވެ.

comment ކޮމެންޓް